ފޮޓޯ: އެމްއެންޑީއެފް

ލޯންޗުން ޖެހި މަރުވި މީހާ އޮތީ ދެފަޅިވެފައި!

ލޯންޗުން ޖެހި މަރުވި މީހާ އޮތީ ދެފަޅިވެފައި ކަމަށް އެމީހާގެ ހަށިގަނޑު ދުށް ފަރާތްތަކުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ފ. ފީއަލީން ފާނަ މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏަކުން، އދ. ފަޅެއް ކައިރިއަށް ފާނަ ބާނަން ފައިބައިއޮތް ބިދޭސީ މީހެއްގެ ގައިމައްޗަށް އދ. މާމިނގިލިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔާ ލޯންޗެއް އަރައިގެންނެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި އެ ލޯންޗުގެ ބުރަފަތިން ޖެހި މަރުވެފައިވަނީ ބަންގުލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާ ހިނގުމާއިއެކު އެމީހާ ފަރުވާއަށް އދ. ދަނގެތީ ސިއްޚީ މަރުކަޒަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިމީހާގެ ހަށިގަނޑު ދުށް، ދަނގެތީގެ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވެފައި ވަނީ އެމީހާގެ ކަރުންފެށިގެން ފޫޅާހަމައަށް ދެފަޅިވެފައިވާ ކަމަށެވެ. އެމީހާގެ އެތެރެހަށީގެ ގުނަވަންތައްވެސް ރީތިކޮށް ފެންނަންހުރި ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.

ލޯންޗް ދުއްވަން އިން ކެޕްޓަން މިހާރު ހައްޔަރުކޮށްފައި ވާއިރު، ބިދޭސީ މީހާ ފާނަ ބާނަން އޮތީ ޤަވާޢިދާ އެއްގޮތަށް، ދުރަށް ފެންނާނެގޮތަށް ދިދަނަގައިގެން ރައްކާތެރިކަމުގެ ފިޔަވަޅު ވެސް އަޅައިގެންކަން ދައުރުވަމުންދާ ވީޑިއޯތަކުން ހާމަވެއެވެ.

މި މީހާގެ ހަށިގަނޑު ނަގައިގެން ސިއްޚީ މަރުކަޒަށް ގެނައީ އެސަރަޙައްދުން ދަތުރުކުރަމުން ދިޔަ ފުލުހުންގެ ލޯންޗަކުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!