ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، އަތް ފޯރަށަށް ގެންނަން ޖެހޭ ކަމަށް ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ގޮވާލައްވައިފިއެވެ.
އަލީ ރަމީޒްގެ ސޯޝަލް މީޑިއާގައި މިހެން ވިދާޅުވެފައި މިވަނީ ކަރަންޓް ބިލް އަތް ނުފޯރާފަށަށް ބޮޑުވެފައިވާތީ އެކަމުގެ ކަންބޮޑުވުން އާންމުންގެ އެތައް ބަޔަކު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ސްޓެލްކޯއިން މީގެ ކުރިން ވިދާޅުވެފައިވަނީ ހޫނު މޫސުމުގައި އާދަޔާ ޚިލާފަށް ކަރަންޓް ބޭނުންވާ މިންވަރު އިތުރުވާ ކަމަށެވެ. އެހެންކަމުން އާދައިގެ މަސްތަކަށް ވުރެ ހޫނު މޫސުމުގައި ބިލްބޮޑު ވާނެ ކަމަށެވެ.
ސްޓެލްކޯއިން މީގެ ކުރިން މިހެން ބުނެފައިވާއިރު، އާންމު ރައްޔިތުންގެ ކަންބޮޑުވުމަކީ ނިމިދިޔަ މަހަކީ ގިނަ ބަޔަކު ޗުއްޓީގައި އުޅުނުދުވަސްކޮޅެއް ކަމުން އޭސީފަދަ ތަކެތި ބޭނުން ނުކުރާ ކަމަށެވެ. އަދި ގޭގައި އެކަކުވެސް ނެތި ކަރަންޓް ބޭނުން ނުކުރާ ގެތަކަށް ވެސް ބޮޑެތި ބިލްތައް އައިސްފައިވާ ކަމަށެވެ.
މީގެ އިތުރުން ނިމިދިޔަ މަހަކީ ވަރަށް ވިއްސާރަ މަހަކަށްވާއިރު ބިލް މީގެ ކުރިން ނުވާހާ ބޮޑު ވާން ޖެހޭ ސީދާ ސަބަބު ސްޓެލްކޯއަށް ބުނެދެވިފައި ނުވާކަމަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް ސްޓެލްކޯއިން މިކަމާ ގުޅިގެން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ.
ބައެއް ގެތަކަށް ދުވަހަކުވެސް ނާރާވަރަށް ކަރަންޓްބިލް ބޮޑުވެފައި އެބަހުއްޓެވެ. އަދި ލިޔެކިޔުމުން ފެންނަ ހިސާބުތައް ބައެއް ބިލްތަކުން ދިމާނުވާކަން ވެސް މި ނޫހަށް ވަނީ ފާހަގަ ކުރެވިފައެވެ.
ނިމިދިޔަ ސަރުކާރުގައި ވެސް މި މައްސަލަތައް ފެންމަތިވިއެވެ.