ދަރިވަރުންނަށް ކާމިޔާބު ދިރިއުޅުމެއް ހޯދާދެވެނީ ތަޢުލީމް ދީގެން: ވަޒީރު ޝަފީޢު

ދަރިވަރުންނަށް ކާމިޔާބު ދިރިއުޅުމެއް ހޯދައިދެވެނީ ތަޢުލީމް ދީގެން ކަމަށާއި ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރެވެނީވެސް އަދި އުފާ ފާގަތިކަމާއެކު އުޅެވޭނެ އާއިލާއެއް ބިނާކުރެވޭނީވެސް ތަޢުލީމް ދީގެން ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫޢު "ކޫލް ސްކޫލް ޕްރޮޖެކްޓް" އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.

ކ. މާފުށީ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ކާމިޔާބު އިންސާނުން އުފެއްދުމަށް ތަޢުލީމާއި ތަރުބަވީ ކަންތައްތައް ފުރިހަމަވާންޖެހޭ ކަމަށެވެ.

އަދި ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތަކާއި ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ފަހަތަށް ނުޖެހޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އޭސީ ހަރުކުރުމުގެ މަޝްރޫޢު ފެށުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް ކާމިޔާބު ދަރިވަރެއް އުފެއްދުމަށް ބޭނުންވާ ހުރިހާ ވަޞީލަތެއް ދަރިވަރުންނަށް ފަހި ކޮށްދިނުން ކަމަށެވެ.

މުދައްރިސުންނާއި ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިން ގުޅިގެން މިކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާންވާނީ ދަރިވަރުންނަކީ އެ ކުދިންގެ ރަށަށާއި ޤައުމަށް އުޖާލާކުރަނިވި ކާމިޔާބު އިންސާނަކަށް ހެދުން ކަމަށާއި އެފަދަ ކާމިޔާބު އިންސާނެއް އުފެއްދުމަށް ލިބެންޖެހޭ ހުރިހާ ތަޢުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެށްޓަކަށް ސްކޫލް ވެށި ވެގެންދިޔުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށްް ވަޒީރު ވިދާޅުވި އެވެ.

އަދި މިފަދަ ޕްރޮޖެކްޓެއް ފެށުމުގެ ބޭނުމަކީވެސް އެއީކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުން ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުން ދަރިވަރުންނަށާއި މުއްދަރިސުންނަށް ފައިދާތަކެއް ވާނެ ކަމަށެވެ. އެގޮތުން ސްކޫލް ވެށްޓަކީ އުފާވެރި ހިތްހަމަޖެހޭ ވެށްޓަކަށް ބަދަލުވެ، ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!