ރާއްޖެއިން ޙައްޖަށް ގެންދާ އަގު 50،000ރ އަށް ކުޑަކުރުމަކީ އަމާޒެއް ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެވެ.
މައްކާގައި ހުންނަވާ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޝަކީލް ވިދާޅުވީ ރާއްޖެއިން މީހުން ޙައްޖަށް ދިއުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަމަށެވެ.
ޝަކީލް ވިދާޅުވީ ރައީސްގެ އެ އެދިވަޑައިގަތުން ހާސިލްކުރުމަށްޓަކައި މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށާ މިހާރު މަސައްކަތް ކުރަނީ ކުރިއަށް އޮތް 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ޙައްޖު ދަތުރުތަކުގެ އަގު ކުޑަކުރުމަށް ކަމަށެވެ.
ޝަކީލް ވިދާޅުވީ މިހާރު 69,965 ރުފިޔާއަށް ޙައްޖު ދަތުރުކޮށްދިންނަމަވެސް ކުރިއަށް އޮތް ތަނުގައި ބޮޑުވެގެން 50،000 ރުފިޔާއަށް ދަތުރުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށާ ލަސްތަކެއް ނުވެ ޙައްޖު ކޯޕަރޭޝަނަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާ އެއާއެކު ރައީސްގެ ތަޞައްވުރާ އެއްގޮތަށް ޙައްޖަށް މީހުން ގެންދާ އަގު ކުޑަކުރެވިގެންދާނެ ކަމަށް ޝަކީލް ވިދާޅުވިއެވެ.
ރާއްޖެއިން މީހުން ޙައްޖަށް ގެންދާ އަމިއްލަ ޖަމާޢަތްތަކުން ޙައްޖަށް ގެންދިޔުމަށް އިތުރަށް ފައިސާ ނަގާ މައްސަލަ ޙައްލުކުރުމަށްޓަކައި ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ.