އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ޤާނޫނަށް ބަދަލުގެންނަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށްފަހު، ދާޚިލީ ސަލާމަތާބެހޭ ވަޒީރު އިޙުސާނު، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އަދި މި މަސައްކަތްތަތް ކުރުމަށް ސަރުކާރުން ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރ އަލީ އިހުސާންގެ އިތުރުން ޚާރިޖީ ވަޒީރު މޫސާ ޒަމީރާ، ބަންޑާރަނައިބު އަޙުމަދު އުޝާމް، އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު، ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް އަދި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ފަލަސްޠީނު މައްސަލާގައި ރާއްޖޭގެ ފަރާތުން ފަލަސްޠީނުން ބޭނުންވާ ކަންކަން ދެނެގަތުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާގެ ފަރާތުން ޚާއްސަ މަންދޫބެއް ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިޙްސާނު ވިދާޅުވިއެވެ.
މީގެއިތުރުން ފަލަސްޠީނުގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް މުޅި ރާއްޖޭގައި ފަންޑްރެއިޒިން ޙަރަކާތެއް ބޭއްވުމާއި "ފަލަސްތީނާއި އެކު ދިވެހިން" މިނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.
އަދި ހަމައެހެންމެ ފަލަސްޠީނުގެ މައްސަލާގައި ވަޒީރުންގެ މަޖިލީހުން ނިންމި އިތުރު ކަންތައްތަކުގެ ތެރޭގައި ފަލަސްޠީނުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ރާއްޖެއިން އިސްނަގައިގެން އިސްލާމީ ޤައުމުތަކާއިއެކު މަޝްވަރާބައްދަލުވުންތަކެއް ބޭއްވުން ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޔަހޫދީން ފަލަސްޠީނުގައި ޤަތުލުއާންމު ހިންގަމުން އަންނަތާ 7 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ގޮވާލަމުން އަންނަ އަޑުތައް އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން ނިމުނު ހަފުތާގައި އިމިގްރޭޝަން ޤާނޫނަށް އިސްލާޙެއް ހުށަހަޅާފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.