ކްލަބް މެޑް ކަނިފިނޮޅުގެ މުވައްޒަފަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ކްލަބް މެޑް ކަނިފިނޮޅުގެ މުވައްޒަފަކު ކުއްލިގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.

"ރިވާޔާ ނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ނިޔާވެފައިވަނީ އެރިސޯޓު ލޯންޗްގެ ފަޅުވެރިއެއްގެ ވަޒީފާ އަދާކުރަމުންގެންދާ ހދ. ނޮޅިވަން، އަހަރުގެ އަބްދުﷲ ފާއިޒް(42އ) އެވެ. ފާއިޒް އަކީ އަޑުއެނހުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިޒް ނިޔާވިކަން އެނގުނީ މިއަދު ޑިއުޓީއަށް ނުގޮސްގެން އޭނާ މަސައްކަތް ކުރާ ޑިޕާޓްމަންޓް މީހުން ގުޅުމުން އޭނާއާއެކު އެއް ޑިޕާޓްމަންޓެއްގައި މަސައްކަތް ކުރާ އެހެން މުވައްޒަފަކު ފާއިޒް ކޮބައިތޯ ބަލަން ގޮސް ގޮވުމުން އެއްވެސް ހަރަކާތެއް ނެތްކަން އެނގުމުންނެވެ.

ފާއިޒް އަކީ ލޭމައްޗަށްދާ ބަލި ހުންނަ މީހެއްކަމަށް މައުލޫމާތު ލިބެއެވެ. ދާދި ފަހުން ވެސް މާބޮޑަށް ލޭމަތިވެގެން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރިސޯޓުގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި އިއްޔެ ވެސް އަދި ރޭގަ ވެސް ފާއިޒް އާ ދިމާވި އެއްވެސް މުވައްޒަފަކު ނޫޅެއެވެ. އެންމެފަހުނ އެތަނުގެ މުވައްޒަފުންނާ އޭނާ އާ ދިމާވިކަމަށް މައުލޫމާތު ލިބިފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ފާއިޒް ދިރިއުޅޭ ތަނުގައި އޭނާގެ އިތުރަށް ތިން މީހުން ދިރިއުޅެއެވެ. ކޮންމެ މީހަކަށް ވެސް ވަކިން އުޅެވޭނެ ގޮތަށް އެކޮޓަރި ހުންނަނީ ޕާޓްޝަންޖަހައިފައިފައެވެ. އަދި ދޮރުގައި ހުންނަނީ ފޮތި ދަމައިފައެވެ. ފާއިޒް ޑިއުޓީއަށް ނުގޮސްގެން އޭނާއާ އެކު އުޅޭއެހެން މުވައްޒަފަކަށް ގުޅުމުން އެ ފޯނުގައި ހުރެ ފާއިޒް އަށް ގޮވަން ދިޔައިރު ފާއިޒް އޮތީ ބަންޑުން އޮށޯވެގެން ކަމަށް އެ މުވައްޒަފު ބުންޏެވެ.

ދެންގޮސް އަތުގައި ހިފިއިރު މުޅި މީހާފިނިވެ، ހަރުވެފައިވާ ކަމަށް ރިސޯޓުގެ މެނޭޖްމަންޓަށް އެންގުމުން ރިސޯޓުގެ ޑޮކްޓަރު އައިސް ބެލި ބެލުމުން ނިޔާވެފައިވާ ކަމަށް ވިދާޅުވުމުން ފުލުހުންނަށް އެމައްސަލަ ހުށަހަޅައި ފާއިޒްގެ ހަށިގަނޑު މެންދުރު ފަހު ވަނީ މާލެ ގެނެސްފައެވެ.

ފާއިޒްގެ ޖަނާޒާ އޮންނާނީ މިރޭ 21:00 ގައި ހުޅުމާލެ، މަސްޖިދު ޒައިދު ބިން ޘާބިތް (ސަހަރާ މިސްކިތް) ގައެވެ. ފާއިޒްގެ ފުރާނަ އަށް މާތްﷲ ހެޔޮ ރަޙްމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަދި އާއިލާ އަށް ކެތްތެރިކަން މިންވަރު ކުރައްވާށި! އާމީން.

advertisement
ހިޔާލު ދެއްވާ!