ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު

އިސްލާމާ ދިވެއްސަކީ މަޖުބޫރު މާއްދާތަކެއް ކަމުގައި އަމިއްލަ ސުކޫލްތަކަށް އަންގައިފި!

އިސްލާމާ ދިވެއްސަކީ މަޖުބޫރު މާއްދާތަކެއް ކަމުގައި އަމިއްލަ ސުކޫލްތަކަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގައިފިއެވެ.

އޯ ލެވެލްގައި އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާ މަޖުބޫރު މާއްދާތަކަށް ހަދަން ހުރިހާ ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވަނީ އެ މިނިސްޓްރީން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ފޮނުވި ސަރކިއުލާއެއްގައެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސަރކިއުލާގައި ބުނީ ރާއްޖޭގެ ސްކޫލްތަކުން ތަޢުލީމު ހާސިލުކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލުކުރަން ކަނޑައަޅާފައިވާ ވަކި މިންވަރެއް ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވާން ޖެހޭ ކަމަށެވެ.

އަދި ގްރޭޑް 10ގެ އޯލެވެލް އިމްތިހާނުތަކުގައި ބައިވެރިވާ ދިވެހި ކޮންމެ ދަރިވަރަކު އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާގައި ބައިވެރިިވާން ވާނެ ކަމަށްވެސް އެ ސަރކިއުލާގައި ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމުގެ އުސޫލުގެ ތެރެއިން ފާހަގަކުރެވޭ ދަރިވަރުންނާ މެދު ވަކި ގޮތެއް ނިންމާނީ މިނިސްޓްރީގެ މަޝްވަރާގެ މަތިން ކަމަށެވެ.

ނަމަވެސް، ދިވެހި ނަސްލުގެ ހުރިހާ ދަރިވަރުން ވެސް ސާނަވީ އިމްތިހާނުގައި މަޖުބޫރު ހަތަރު މައްދާގައި ބައިވެރިވުމަކީ އެ މިނިސްޓްރީގެ ސިޔާސަތެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މި ނިންމުން ސުކޫލްތަކަށް އަންގާފައިވާއިރު، އިސްލާމާއި ދިވެހި މާއްދާ ދޫކޮށްލަން ރާއްޖޭގައި ހިންގާ އިންޓަރނޭޝަނަލް ބައެއް ސްކޫލްތަކުން ފުރުޞަތު ދޭ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެއީ އެއްވެސް ސްކޫލަކަށް މިހާރު އޮތް "އޮޕްޝަނެއް ނޫން ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ނިމުނު ހަފްތާގައި ވިދާޅުވިކަން ފާހަގަކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!