މާފުށީ ދާއިރާގެ މެމްބަރު އަލްއުސްތާޛު ޙުސައިން ރިޒާ އާދަމް. ފޮޓޯ: ޕީއެސްއެމް ނިއުސް

މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް މާފުށި ދާއިރާގެ މެންބަރު ރިޟާގެ ނަން ފާސްކޮށްފި!

ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރަކަށް މާފުށީ ދާއިރާގެ މެމްބަރު އަލްއުސްތާޛު ޙުސައިން ރިޟާ އާދަމްގެ ނަން ފާސްކޮށްފިއެވެ.

މިއަދު ބޭއްވުނު 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައި ޖޭއެސްސީއަށް މެމްބަރަކު ޢައްޔަނުކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ރިޔާސަތުން ހުޅުވާލުމުން މެމްބަރުން ހުށަހަޅާފައިވަނީ މާފުށީ ދާއިރާގެ މެމްބަރު ޙުސައިން ރިޟާގެ ނަންފުޅު އެކަނިކަން ފާހަގަ ކުރެވެއެވެ. ރިޟާގެ ނަންފުޅު ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކްއެވެ.

މަޖިލީހުގެ ފަރާތުން ޖޭއެސްސީއަށް އުސްތާޛު ރިޟާ އައްޔަނު ކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވި 83 މެމްބަރުންވަނީ ރިޟާއަށް ވޯޓުދެއްވައިފައެވެ.

ޖޭއެސްސީގެ ޤާނޫނުގައިވާގޮތުން، އެ ކޮމިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރަކު އިންނަވާނެއެވެ. އެހެންކަމުން މި ދައުރުގައި މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި ތިއްބަވާނީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އާއި މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު އުސްތާޛު ޙުސައިން ރިޟާއެވެ.

20 ވަނަ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާއިރު ވެރިކަންކުރާ މައިޕާޓީ ޕީއެންސީގެ ސުޕަމެޖޯރިޓީއާއެކު، ޕީއެންސީއަށް ނިސްބަތްވާ 76 މެމްބަރުން ތިއްބެވިކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!