ދާދިފަހުން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ޓެކްސީ ތަކުގައި މަސައްކަތް ކުރާ ޑްރައިވަރުންނާ ގުޅޭ ގޮތުން ގިނަ ރައްޔިތުންތަކެއް ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދިޔަ މަންޒަރެވެ.
ނަމަވެސް މިއަދު ސޯޝަލް މީޑިއާގައި ގިނަބައެއްގެ ތައުރީފް ލިބިގެންދިޔައީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރާ ފަސިންޖަރުންގެ އަތުން ފައިސާ ނުނަގާ ޓެކްސީ ޑްރައިވަރަކަށެވެ.
ފޭސްބްކްގައި އާންމުގެ މީހަކު ބުނެފައިވަނީ " ޓެކްސީ ނަންބަރު 2262 ދުއްވާ ޑްރައިވަރު، އަޅުގަނޑު މަންމަ ހައްޖައް ދާން އެއާޕޯޓްއަށް ދާން އެރިކާރު ދުއްވަންއިން ކުއްޖާ ކައިރީގަ ކިހާވަރެއްހޭދެންވީ ބުނުމުން އޭނާބުނި ހައްޖުއަށް ދާމީހުން އަތުން އޭނާ ރުފިޔާ ބޭނުންނޫ ކަމަށް، އޭނާބުނީ މިފަހަރު މަންމައަށް ދަތުރު ފްރީ ކަމަށް އަދި ބުނި ކާމިޔާބު ހައްޖަކަށް އެދޭކަމަށް އަދި ނަންބަރު ދީފަބުނި މަންމަ ހައްޖު އިން އައީމަ ގެއައް ދާންވެސް އޭނާއައް ގުޅުމަށް. މިކުއްޖާގެ މަސެއްކަތުގައި ބަރަކަތް ލައްވާށި. އާމީން" ކަމަށެވެ.
އެމީހާ ބުނެފައިވަނީ އެ ޑްރައިވަރުގެ ކިބައިން ފެނިގެން ދިޔައީ ކަސްޓަމަރުންނާ މެދު ވަރަށް އިޙްތިރާމާއެކު ޚިދުމަތް ދޭ މީހެއްގެ ގޮތުގައެވެ. އަދި އެކަމާމެދު ވަރަށް އުފާވި ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.
ކޮންމެ މަސައްކަތެއްގައި ވެސް ރަނގަޅު މީހުންނާއި ގޯސްމީހުން އުޅޭނެއެވެ. މީހަކު ރަނގަޅު ކަމެއް ކޮށްދީފިނަމަ އެކަން ބަލައިގަނެ ރަނގަޅު ކަންކަން ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ހެޔޮ ބަހެއް ބުނެލުމަކީ ވެސް ވަރަށް މުޙިންމު ކަމެކެވެ.
މުޖުތަމައުގައި އަޅުގަނޑުމެންނަށް އާންމުކޮށް ފެނިގެންދަނީ މީހަކު ގޯސްކަމެއް ކުރާއިރަށް އެވާހަކަ ސޯޝަލް މީޑިއާގައި އާންމުކޮށް އެމީހަކު ބޭޒާރުކޮށްލުމުގެ އާދައެވެ. ނަމަވެސް އެއީ އެކަން ކޮށްގެންވާނެ ގޮތެއް ނޫންކަން އިސްލާމްދީނުގައި ވެސް އަންގަވާފައިވެއެވެ.