ތިލަމާލެ ބްރިޖްގެ މަޝްރޫޢުއަށް މިހާރު ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި މި މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު އަދި އިތުރަށް ސްޕީޑް އަވަސް ކުރެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށް ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވިލިމާލެ ސައިޓްގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ ތިލަމާލެ ބްރިޖްގެ މަސައްކަތް މިހާރު ކުރިއަށްދާގޮތައް ބަލާއިރު މި މަޝްރޫއު އިތުރަށް އަވަސްކުރެވޭނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި ކޮންޓްރެކްޓަރާއި އެއްކޮށް ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އިންޑިއާ ސަރުކާރާއި ސަފީރުގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ލިބެމުންދާކަމަށެވެ.
ތިލަމާލެ ބްރިޖް މަޝްރޫއާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވީ މިއީ ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ މަޝްރޫޢުއަކަށް ވެގެންދާނެ ކަމަށެވެ.
އަދި މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ މަޝްރޫޢުއެއް ކަމަށާއި ޕްރޮޖެކްޓް އަވަހަށް ނިންމުމަށްޓަކައި ދިވެހި ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމުމަށް ތައާވަލު ކުރެވިފައިވަނީ 31 މާރޗް 2026 އަށެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު މިނިސްޓަރ އޮފް ކޮންސްޓރަކްޝަން އެންޑް އިންފްރާސްޓަރކްޗަރ ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ތިލަމާލެ ބްރިޖްގެ 38.8 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށެވެ.
7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާގެ މިމަޝްރޫޢަކީ ޖުމްލަ 6.7 ކިލޯމީޓަރުގެ ބުރިޖަކުން 4 ސަރަޙައްދެއް ގުޅުވާލަދޭނެ ބިޔަ މަޝްރޫޢެކެވެ.