ސްރީލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު ހާލުގައި ޖެހި މަރުވި މީހުންގެ އަދަދު 10 އަށް އަރައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ވެސް ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު ހާލުގައި ޖެހި އެތައް ގެދޮރު ވަނީ ހަލާކުވެ ސްކޫލުތައްވެސް ވަނީ ބަންދުކުރަންޖެހިފައެވެ.
އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓުން ބުނެފައިވަނީ ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ދިމާވެ 10 މީހަކު މަރުވެފައިވާ ކަމަށާއި 6 މީހަކު ގެއްލިފައިވާ ކަމަށެވެ.
ހަމައެހެންމެ ކޮލަމްބޯ ކައިރީ އޮންނަ ސިޓަވަކާ އަވަށުގައި ތިން މީހުން މަރުވެފައިވާއިރު އެމީހުންގެ ގެ އެއްކޮށް ވަނީ ހަލާކުވެ ފެނުގެ އަޑިއަށް ގޮސްފައި ކަމަށްވެސް ބުނެފައިވެއެވެ.
މި ހާދިސާގައި ލަންކާގެ ނުވަ ސަރަހައްދެއްގައި ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ކަމަށާއި އެތައް ހާސް މީހުންގެ ގެދޮރުވަނީ ހަލާކުވެފައެވެ. އަދި ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑި ފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޑިޒާސްޓާ މެނޭޖްމަންޓުގެ ޑިރެކްޓަރު ޕްރަދީޕް ކޮޑިޕިލީ ވިދާޅުވީ ކޮލަމްބިއާގެ ދެކުނުގެ ސަރަހައްދުތަކުގައިވެސް ފެންބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ގިނަ ސަރަހައްދުތަކަށް މިހާރުވެސް 400 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
އަދި މިނިސްޓްރީ އޮފް އިލެކްޓްރިސިޓީ އެންޑް އެނާޖީގެ ސުލަކްޝަނާ ޖަޔަވަރްދަނާ ވިދާޅުވީ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށާއި އެ ސަރަހައްދުތަކުން ކަރަންޓް ދިނުން ހުއްޓާލާފައި ވަނީ ޑީއެމްސީއާ ކޯޑިނޭޓްކޮށްގެން ކަމަށެވެ.