ހއ. ހޯރަފުށިން މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހޯރަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި ކުޅުދުއްފުށިން ހޯރަފުއްޓަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެއް ކަމަށްވެސް އެއިދާރާއިން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި ދެމީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށާއި މި އޮޕަރޭޝަނުގައި ހޯރަފުށި ބަނދަރުމަތިން އެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 37 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފަވާ ކަމަށެވެ.
މިދިޔަ މަހުވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ކ. ގުޅިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މޭ މަހުގެ 29 ވަނަދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރަށު މަގުމަތިން މީހަކު ހުއްޓުވައި ބަލައިފާސްކުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
އެތަކެތީގެ ވަގުތީ ބަރުދަނަކީ 27.58 ގްރާމް ކަމަށް ފުލުހުން ބުނެފައިވެއެވެ.