މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުޤީޤަށް ދެ މީހަކު ހޯދަން ފުލުހުންގެ އިދާރާއިން އިއުލާން ކޮށްފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުޤީޤަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ.
އަދި އުޅޭ ވަކި ތަނެއް ނޭންގުމުގެ ސަބަބުން ތަހުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުޤީޤު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުޤީޤަށް ހާޒިރުވުމަށް އަންގާ އިއުލާން ކޮށްފައިވާ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އެގޮތުން މިމައްސަލާގައި ހޯދަން އިއުލާން ކޮށްފައިވަނީ އަލީ ރަޝީދު، ކ. މާލެ/ ދަފްތަރު ނަމްބަރު ދރ. 1387 ނަމަކަށް ކިޔާ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހާޒިރުވާން އަންގާފައިވަނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަށް 10 ޖޫން ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
އަދި ދެވަނައަށް ހޯދަން އިއުލާން ކޮށްފައިވަނީ ލުޤުމާން އިސްމާއީލް، ކ. މާލެ/ ހ. އަނަސަމް ނަމަކަށް ކިޔާ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ލުޤުމާން ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދިފައިވަނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަށް 10 ޖޫން ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 14:00 އަށްކަމަށް ފުލުހުން ބުނެފައިވެއެެވެ.