ޣައްޒާ ހަނގުރާމަ ފެށުނުފަހުން މިހާތަނަށް 15 ހާހަށްވުރެ ގިނަ ސުކޫލު ކުދިން ޝަހީދުކޮށްލައިފި ކަމަށް ޣައްޒާގެ ތަޢުލީމީ ވުޒާރާއިން ބުނެފިއެވެ.
ޣައްޒާގެ ތަޢުލީމީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީން ވެސް 64 ކުއަޖަކު ޝަހީދުކޮށްލާފައި ވާކަމަށެވެ. އަދި ޝަހީދުކޮށްފައިވާ ކުދިންގެ ތެރޭގައި ގިނައީ ކޭޖީގައި ކިޔަވާ ތުއްތު ކުދިން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މިއަދު ފާހަގަކުރާ "އިންޓަރނޭޝަނަލް ޑޭ އޮފް އިނޮސެންޓް ޗަައިލްޑް ވިކްޓިމްސް އޮފް އެގްރެޝަން" ދުވަހާއި ގުޅިގެން ނެރުނު މިބަޔާނުގައި ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ން ފެށިގެން އިސްތިޢުމާރީ އަނިޔާވެރިކަން އެންމެ ބޮޑަށް ތަހައްމަލް ކުރަމުންދަނީ ޣައްޒާގެ ކުޑަކުދިން ކަމަށެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައި ވާގޮތުގައި ޣައްޒާ އަޅުވެތިކޮށްފައިވާ އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ޣައްޒާގެ ސުކޫލްތައް ހަލާކުކޮށްލާފައި ވާއިރު، ޚާއްސަކޮށް އާންމު ރައްޔިތުންނަށާ ކުޑަކުދިންނަށްނަށް ހަމަލާތައް އަމާޒުކޮށް އެމީހުން ޝަހީދުކޮށް، ސުކޫލްތައް ބަންދުކުރަން މަޖުބޫރުކޮށް، ކާނާއާއި ބޭސްފަރުވާ ލިބުން މަނާކޮށް ހަދާފައިވާ ކަމަށާ މިކަންކަމަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ޚިލާފު ކަންކަން ކަމަށެވެ.
ޣައްޒާގެ ތަޢުލީމީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޣައްޒާއަށް މި އަނިޔާވެރި ހަމަލާތައް ދޭންފެށިފަހުން 620،000 ކުޑަކުދިން ސުކޫލަށްދިއުމުން މަހުރޫމްކޮށްފައި ވާކަމަށާ އަދި 88،000 ޔުނިވަރސިޓީ ދަރިވަރުންގެ ކިޔެވުން ހުއްޓިފައިވާ ކަމަށާ މީގެތެރެއިން ގިނަ ކުދިން ތިބީ ސިއްޙީ އަދި ނަފްސާނީ މައްސަލަތަކެއްގެ ތެރޭގައި ކަމަށެވެ.
ޣައްޒާގެ ކުޑަކުދިންނަށް ތަޢުލީމު އުނގެނުމުގެ ޙައްޤު ލިބިދިނުމަށްޓަކައި އިސްތިޢުމާރީ ބާރުތަކުން ޣައްޒާއަށް ދެމުންއަންނަ އަނިޔާވެރި ހަމަލާތައް ހުއްޓުވާ ދިނުމަށް ބާރުއެޅުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށާއި ކުޑަކުދިންގެ ޙައްޤުގައި ވަކާލާތުކުރާ ފަރާތްތަކަށް ޣައްޒާގެ ތަޢުލީމީ ވުޒާރާއިން ވަނީ ގޮވާލައިފައެވެ.
މީގެއިތުރުން އިސްތިޢުމާރީ ސިފައިން ޣައްޒާއަށް ދޭ ހަމަލާތަކާ ހުޅަނގު އައްސޭރީގައި އިސްތިޢުމާރީ ސިފައިންނާއި ޔަހޫދީންގެ އާންމުން ހިންގާ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށްވެސް އެބަޔާނުގައި ވަނީ ގޮވާލައިފައެވެ.
މިއަދު މިވަގުތުވެސް ޣައްޒާގެ އެކި ހިސާބުތަކަށް ޔަހޫދީން ބޮންއަޅަމުން އަންނައިރު، މިދިޔައަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 36،550 މީހުން ޝަހީދުކޮށްފައިވާއިރު 82،959 މީހުނނަށް ވަނީ ބޮޑެތި ޒަހަމްތައް ލިބިފައި ކަމަށް ފަލަސްޠީނުގެ މަސްދަރުތަކުން ހާމަކޮށްފައިވެއެވެ.