އައްޝައިޚް އާދަމް ނިޝާން

އެމެރިކާއަކީ އިސްލާމްދީނާ މުސްލިމުންގެ އެންމެ ބޮޑު ޢަދުއްވު: ޝައިޚް ނިޝާން

އެމެރިކާއަކީ އިސްލާމްދީނާ މުސްލިމުންގެ އެންމެ ބޮޑު ޢަދުއްވު ކަމަށް އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

ޝައިކާ ނިޝާން މީސްމީޑިޢަގައި ކުރެއްވި ޕޯސްޓެއްގައި މިފަދައިން ވިދާޅުވެ އެމެރިކާއަށް ފާޑު ވިދާޅުވެފައި މިވަނީ އިސްރާއީލްގެ ޕާސްޕޯޓް މަނާކުރާނަމަ ރާއްޖެއަށް އެމެރިކާއިން ވެދޭއެހީ ކަނޑާލަން ބިލެއް ހުށަހަޅަން، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު މަސައްކަތް ކުރައްވާ ކަމަށް އޮތް ޚަބަރަކާއި ގުޅިގެންނެވެ.

މި ޚަބަރާއި ގުޅިގެން ޝައިޚް ވިދާޅުވީ އެމެރިކާއަކީ ހަރުފައިގެ ބޯ އަދި ހުރިހާ ނުބައެއްގެ އަސްލު ކަމަށާ، އިސްލާމްދީނާއި މުސްލިމުންގެ އެންމެ ބޮޑު ޢަދުއްވަކީ އެމެރިކާ ކަމަށެވެ.

ޝައިޚް ވިދާޅުވީ މާތްﷲ ތަޢާލާ އަމުރުކުރައްވާ އަންގަވާފައިވަނީ އެ ޝައިޠާނީ ލަޝްކަރުގެ ބައިގަނޑާ އެއްކޮށް ގުޅުން ކަނޑާލުމަށް ކަމަށާ އެމީހުންނަކީ ޢަދުއްވުންކަމަށް ބަލައިގަތުމަށް ކަމަށެވެ.

"އެމެރިކާއިން އެހީ ނުދިންނަމަވެސް އަޅުގަ ޑުމެން ތިބޭނީ، ﷲގެ އިރާދަފުޅާއި އެކު ކައިގެން ބޮއެގެން މިނިވަން ދައުލަތެއްގެ ގޮތުގައި، إن شاء الله." ޝައިޚް ނިޝާން ވިދާޅުވެފައިވެއެވެ.

އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝައިޚް ވިދާޅުވީ ﷲ އަކީ އަޅުގަނޑުމެންގެ މަދަދުޤާރު ކަމަށާ، މަދަދު ދެއްވަނީ އެއްވެސް ޙާލެއްގައި އެމެރިކާ ނޫން ކަމަށެވެ.

ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ ޤަތުލުއާންމާއި ގުޅިގެން އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުން މި ޖޫން މަހުގެ 2 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.

އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަން ޖެހޭ އިސްލާޙް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙުސާން، މިކަން އިޢުލާނު ކުރައްވަން އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވިދާޅުވެފައެވެ.

ދިވެހި ސަރުކާރުގެ މި ނިންމުން ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ސުރުޙީތަކަށް އަރާފައިވާ ކަން ފާހަގަ ކުރެވެއެވެ. އަދި މި ނިންމުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ދިވެހި ސަރުކާރަށް ތަޢުރީފުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!