ފަޒީސް ހިޖާމާ ތެރަޕީއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ އެސެންޓަރު ޖޫރިމަނާކޮށް ބަންދުކުރުމަށް ހެލްތް މިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓްއިން އަންގައިފިއެވެ.
ހުއްދަ ނުނަގާ، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ މައްސަލައިގައި ފަޒީލާ އާއި ދެކޮޅަށް ފިޔަވަޅު އަޅުމަށް ކޮލިޓީ އެޝުއަރެންސް ޓީމުން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
އެގޮތުން ފަޒީލާ ޖޫރިމަނާ ކުރާނީ ހެލްތް ޕްރޮފެޝަނަލްގެ ގާނޫނުގެ ދަށުން ލައިސެންސް ނެތި ހިދުމަތް ދޭތީ 75،000ރ އަށް ވުރެ ބޮޑު ނޫން އަދަދަކުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި ހިޖާމާ ތެރަޕީ ސެންޓަރުން ދުވާލެއްގެ މައްޗަށް 30،000 އެއްހާ ރުފިޔާ ލިބޭކަމަށް ފަޒީލާ ބުނެފައިވެއެވެ.
މީގެ ކުރިންވެސް 2022 ވަނަ އަހަރު މިފަދަ މައްސަލައެއް ހޫނުވެ އެއަހަރު ހެލްތް މިނިސްޓްރީއިން ވަނީ އެތަން ބަންދުކޮށްފައެވެ. މިކަމާ ގުޅިގެން، މި މަސައްކަތް ހުއްދަ ނަގައިގެން ކުރިއަށް ގެންދާނެ ކަމަށް ފަޒީލާ ބުނެފައިވާއިރު ހެލްތް މިނިސްޓްރީން ހާމަ ކުރާ ގޮތުގައި ފަޒީލާއަށް އެއްވެސް ހުއްދައެއް އަދި ދީފައެއް ނުވެއެވެ.
މީގެ އިތުރުންވެސް އާންމުންގެ ގިނަ ބަޔަކުވެސް އަންނަނީ ފަޒީލާގެ މަސައްކަތައް ނުރުހުންތެރިކަން ފާޅުކޮށް އޭނާގެ "އަންޕްރޮފެޝަނަލް" ވާހަކަ ވަރަށް ގަދަޔަށް ދައްކަމުންނެވެ. އަދި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފޭސްބުކްގައި ފަޒީސް ހިޖާމާ ތެރަޕީއިން ކުރެވުނު ޕޯސްޓަކާއި ގުޅިގެން ގިނަ ބައެއް ވަނީ ފަޒީލާ އަށް ވަރަށް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އެއީ އެ ޕޯސްޓުގައި ކޮމެންޓު ކުރި ފަރާތްތަކަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ވިޔަފާރިއަށްޓަކައި ދޮގު މައުލޫމާތު ފަތުރާކަމަށް ބުނެ ކުރި ތުހުމަތުތަކެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި ފަޒީލާ އުސްމާން އަކީ އިނގިރޭސި ވިލާތުގެ ޔޫކޭގެ ހިޖާމާ ނޭޝަންސް ޑިޕްލޮމާ ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތެކެވެ. ސުވާލަކީ މިފަދަ ބޭފުޅަކު ލައިސަންސް ނުނަގާ މިފަދަ ބޮޑު ވިޔަފާރިއެއް ހިންގަމުންދަނީ ކީއްވެގެންހެއްޔެވެ؟
ހެލްތް މިނިސްޓްރީން މި ވިޔަފާރި ބަންދުކުރުމަށް އަންގާފައިވާއިރު ފޭސްބުކްގައި މިއަދު ފަޒީސް ހިޖާމާ ތެރަޕީ ޕޭޖު މެދުވެރިކޮށް ހިއްސާކޮށްފައިވާ ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ ހިޖާމާ ޖެހުން އަދިވެސް ދަނީ ކުރިއަށް ކަމަށާއި ހިޖާމާ ޖެހުން ހުއްޓާނުލާކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ހިޖާމާ ޖެހޭނެ ކަމަށްވެސް ލިޔެފައިވެއެވެ.