މި ލިޔުމުގައި ބަލައިލާނީ، ދިވެހިރާއްޖެ އަކީ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލްގެ ގޮތުގައި ހެދުމަށްޓަކައި އިޝްތިހާރުކޮށް އަދި މާކެޓްކުރުމަށް ފަސޭހަކޮށްދީ، ވާދަވެރި އެހެން މަންޒިލްތަކާއި ތަފާތު ވެގަތުމަށްޓަކައި، އަލަށް ހުށަހަޅާ މާކެޓިން ޓެގްލައިން "ދަ ކިންގްޑަމް އޮފް ފެރަޑައިޒް" ގައި ބޭނުން ކޮށްފައިވާ "ކިންގްޑަމް" މި ބަހުން ބުނެދޭ ބައެއް ކަންކަމާއި، ކިޔައިދޭ ބައެއް ވާކަތަކާއި، ދޭހަކޮށްދޭ ބައެއް މާނަ ތަކުގެ މައްޗަށެވެ.
ފަތުރުވެރިކަމުގެ މަތީފަންތީގެ މަންޒިލެއް އިޝްތިހާރުކޮށް، ފަތުރުވެރިންގެ މަޤްބޫލުކަން ހޯދާ، ސަމާލުކަން އަތުލުމަށް ބޭނުންކުރާ ޓެގްލައިނެއް އުފެއްދުމުގެ ބޭނުމަށް "ކިންގްޑަމް" ނުވަރަ "ރަސްކަމެއް" މި ބަސް ޚިޔާރުކުރުމުން ދޭހަކޮށްދެނީ، ދުނިޔޭގެ މާއްދީ އަދި ޖަޒްބާތި ކަންކަން ހިނގާ އުޞޫލުތަކުގެ މަތިން، އެ މަންޒިލަކަށް ލިބިގެންވާ ޚާއްޞަ ސިފަތަކަކާއި، ކަންތައްތަކެއްގެ އުފާވެރި ތަޞައްލީއެކެވެ. އޭގެ ތެރޭގައި، އެންމެމަތީ ޝަރަފާއި، ޤަދަރާއި، އިޙްތިރާމާއި، ދުނިޔަވީ އަދި ޤުދުރަތީ ޚާއްޞަ މުއްސަނދި ކަމާއި، ކަމާގުޅުންހުރި އެންމެމަތީ ފަންނުވެރިކަމާއި، އެފަންނުވެރިންގެ ހުނަރުވެރި ވައްޓަފާޅީގެ މަތިވެރިކަމާއި، ކުޅަދާނަކަމުގެ އާދަޔާޚިލާފު އިޙްސާސެކެވެ.
ދިވެހިރާއްޖެފަދަ ފުރިހަމަ މަންޒިލެއް މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް "ކިންގްޑަމް" ބޭނުން ކުރުމުން، އެއިން ދޭހަކޮށްދޭނީ، މި މަންޒިލަށް ލިބިގެންވާ އާދަޔާ ޚިލާފް ކަންކަމާއި، ޒިޔާރަތްކުރާ ފަރާތްތަކަށް އެންމެ މަތީ ފަންތީގެ، އެންމެ ފަޚުރުވެރި ތަޖުރިބާތަކާއި، ޝާހީ ފަރުވާއެއް ނުވަތަ ޚިދުމަތްތަކެއް މި މަންޒިލުން ލިބިގެންދާނެ ކަމުގެ ފޮނި އިހްސާސެކެވެ.
ފަތުރުވެރިކަމުގެ މަންޒިލެއް ތަމްސީލުކުރުމަށް ބޭނުންކުރާ ޓެގްލައިނެއްގައި "ކިންގްޑަމް" މި ލަފުޒު، ބޭނުންކުރުމުން ދޭހަކޮށްދެނީ، އެ މަންޒިލަކީ ހަމައެކަނި ޒިޔާރަތްކުރާ ތަނެއް ނޫން ކަމާއި އޭގެ ބަދަލުގައި ޒިޔާރަތްކުރާ ފަރާތްތަކަށް އެންމެމަތީ ލަގްޒަރީއާއި، އެންމެ ފުރިހަމަ ސިފަތަށް ލިބިގެންވާ ރިވެތި މަންޒަރުތަށް ސިފަވާ، އަދި އެންމެ މަތީފަންތީގެ ޤަދީމީ އަދި ޒަމާނީ އެތަށް ފަސޭހަތަކެއް އެކުލެވިގެންވާ ދުނިޔެއެއްގައި، މަތިވެރި ޝަރަފު ވެރިއެއްގެ ޙައިސިއްޔަތުން، މުއްސަނދިކޮށް އުޅެލަން ލިބޭނެ މަންޒިލެއް ކަމެވެ. އެއީ އެ މަންޒިލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެތަނަކުން ލިބިދޭ ތަޖުރިބާގެ ކޮންމެ ކަމެއްވެސް، ފަރުވާ ތެރިކަމާއެކު، ސީދާ އެ ފަތުރުވެރިޔަކު ބޭނުންވާ ގޮތަށް ބައްޓަން ކުރެވިގެން ދެވޭ، އަދި އެފަދަ ދެވަނައެއްނުވާ ޚާއްސަ މެހްމާންދާރީއެއް ލިއްބައިދޭނެ މަންޒިލެއް ކަމެވެ.
މީގެއިތުރުން ފަތުރުވެރިކަމުގެ މަތީފަންތީގެ މަންޒިލެއްގެ ޕްރޮމޯޝަންގެ ތެރެއިން "ކިންގްޑަމް" މި ބަސް ބޭނުންކުރުމަކީ މުއްސަނދިކަމާއި، ޤަދީމީ، އާސާރީ ތަރިކައިން ފުތިހަމަ ކުރެވިފައިވާ، ޝާހީ ޚާންދާނަށް ނިސްބަތްވާ ބޭފުޅަކު ފަދައިން، އެމީހަކާމެދު މެހްމާންދާރީ އަދާކުރެވޭ ކަމުގެ އިހުސާސެއް، ފަތުރުވެރިޔާގެ ހިތުގައި އުފައްދާނެ ބަހެކެވެ. އެއީ ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްއެދޭ އެންމެމަތީ އަރާމާއި، ލައްޒަތާއި، ޝަރަފާއި، މަތިވެރި މެހެމާންދާރީ އެއްގެ ދުނިޔެއެއް، ލިބިގަތުމަށް އަމާޒުހިފާ ފަތުރުވެރިންނަށް އެ މަންޒިލަކުން އެ އެންމެހާ ކަންކަން ޙާޞިލް ކުރެވޭނެ ކަމުގެ ފޮނި އިޙްސާސް ކުރުވައިދީ، އުފާވެރި ތަޞައްލީއެއް ކުރުވާނެ ބަހެކެވެ.
ކުރުކޮށް ދަންނަވާނަމަ، މަތީ ފެންވަރުގެ، އަގުމަތި، ފަތުރުވެރިކަމުގެ މަންޒިލެއް ތަމްސީލު ކުރުމަށް، އިޝްތިހާރުކޮށް، ޕްރޮމޯޓްކޮށް، އަދި މާކެޓްކޮށް، ވާދަވެރިންނާއި ތަފާތު ވެގަތުމުގެ ބޭނުމަށްޓަކައި "ދަ ކިންގްޑަމް" މިބަސް ބޭނުންކުރުމުން ދޭހަކޮށްދެނީ، މެހެމާންދާރީގެ ދާއިރާއިން އެންމެ ރަނގަޅު، އެންމެމަތީ ފަންތީގެ ޚިދުމަތަށް ބޭނުންވާ އެންމެހާ ފަރާތްތަކަށް، އެފަދަ ދެވަނައެއްނުވާ އާދަޔާޚިލާފް، ޝާހީވަންތަ ޚިދުމަތްތަކެއް ތަޖުރިބާ ކޮށްލަން ލިބޭނެ، އެންމެ ފުރިހަމަ މަންޒިލްކަން ކަށަވަރުކޮށްދީ، އެކަންކަމުގެ މަތިވެރިކަމާއި، އުފާވެރިކަމާއި، ޝަރަފުވެރިކަމުގެ ފޮނި ތަޞައްލީއެއް ފަތުރުވެރިޔާގެ ޙިއްސުތަކަށް ކުރުވާނެ ބަހެކެވެ.
އަދި ދިވެހިރާއްޖެ ފަދަ މަންޒިލްތަށް ދުނިޔޭގެ ބާޒާރުގައި ހުރިކަމުގައި ވިޔަސް މިފަދަ އެންމެހާ މަންޒިލްތަކުގެ 'މައި، ނުވަތަ 'ވެރި' ނުވަތަ 'ވެރިކަންކުރާ' މަންޒިލަކީ ދިވެހިރާއްޖެ ކަން ސާފުކޮށް މި ބަހުން ބުނެދޭތީ، ދޭހަކޮށްދޭތީ، ދިވެހިރާއްޖެ އަކީ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބުލު މަންޒިލްގެ ގޮތުގައި ހެދުމަށް، އިޝްތިހާރުކޮށް، މާކެޓް ކުރުމަށް އުފައްދާ ޓެގްލައިނެއްގައި ބޭނުންކުރުމަށް މިއީ ވަރަށް އެކަށޭނަ އަދި އެހާމެ މުނާސަބު ބަހެކެވެ.