ޖިއްދާ އެއާޕޯޓުގައި ތިބި ދިވެހި ޙައްޖުވެރިންތަކެއް

ރައީސްގެ ވަޢުދާ އެއްގޮތަށް ސަރުކާރުން ޙައްޖަށް ފޮނުވާ 50 މީހުން މިމަހު 7ގައި ފުރާނެ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރުން ޙައްޖަށް ފޮނުވާ ފަގީރުންގެ ތެރެއިން ފުރަތަމަ ފޮނުވާ 50 މީހުން މިމަހު 7ގައި ފުރާނެ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ 5 އަހަރުގެ ދައުރުގައި ފަސް އަހަރަށް ބަހާލައިގެން 1000 ދިވެހި ރައްޔިތުން، ހިލޭ ޙައްޖަށް ފޮނުއްވުމަށް ވަޢުދުވެލައްވައިފައެވެ. އަދި އެ ވަޢުދުފުޅު ވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް ހިމަނުއްވައިފައެވެ.

އެގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ރައްޔިތުންގެ ތެރެއިން އުމުރުން 50 އަހަރާ 69 އަހަރާ ދެމެދުގެ 982 މީހުން ތިބިއިރު އޭގެތެރެއިން ޝަރުޠު ހަމަވަނީ 667 މީހުންނަށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މިއަހަރު ޙައްޖުކޯޕަރޭޝަންގެ ހަވާލުގައި ދިވެހިރާއްޖެއިން ޙައްޖަށްދާ ތިންވަނަ ގުރޫޕް ފުރަން ހަމަޖެހިފައިވަނީ މާދަމާއެވެ. މީގެކުރިން 2 ގުރޫޕު ވަނީ ފުރައިފައެވެ. އެގޮތުން މޭ 31 ގައި ފުރި ފްލައިޓްގައި 296 ޙައްޖުވެރިން ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ގޮސްފައެވެ. 2 ވަނަ ފުލައިޓް ޖޫން 3 ގައި އޮތްއިރު، އެ ފުލައިޓުން 354 ޙައްޖުވެރިން ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ގޮސްފައެވެ.

ދިވެހި ޙައްޖުވެރިންގެ ކަންކަން އިންތިޒާމު ކުރެއްވުމަށް ދިވެހި ޙައްޖު މިޝަނުން ސަޢޫދީ ޢަރަބިއްޔާގައި ދަނީ ހަރަކާތްތެރިވަމުން ކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!