ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ އޮފީހުން މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ޖޫން 30 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 12:30 އަށެވެ.
އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހުން ކަމަށާއި މި ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އެޗްއާރްސީއެމްއަކީ އިންސާނީ ޙައްގުތައް ކަށަވަރުކޮށް ރައްކާތެރިކޮށްދިނުމަށް 2003 ވަނަ އަހަރު ސަރުކާރުން އުފެއްދެވި މިނިވަން ކޮމިޝަނެކެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ، އެކޮމިޝަންގެ މެންބަރުކަމުގެ މަޤާމު ހުސްވުމާއި ގުޅިގެންނެވެ.
އެ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން މެމްބަރުކަމުގެ މަގާމު ހުސްވާތާ 60 ދުވަސް ތެރޭގައި މެމްބަރަކު އައްޔަން ކުރަންޖެހެ އެވެ.