އިންޑިއާގެ ބޮޑުވަޒީރު މޯދީ އަދި ރައީސް ޑރ. މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.

މޯދީ ހުވާ ކުރެއްވުމުުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.

އެގޮތުން އިންޑިއާގައި ބާއްވާ ބޮޑު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދުވަނީ ގަބޫލުފުޅު ކުރައްވައިފަ އެވެ.

އެގޮތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ފޮނުއްވެވުމުން އެ ދައުވަތު ރައީސް ގަބޫލުފުޅު ކުރައްވައި އެކަން އިންޑިއާ އަށް ވަނީ އަންގަވައިފަ އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ، ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، އަދި މޮރިޝަސްގެ ވެރިންނަށް ވަނީ ދައުވަތު ފޮނުވާފައެވެ. އެ ދައުވަތު ގަބޫލުފުޅު ކުރެއްވި ލީޑަރުންގެ ތެރޭގައި ހިމެނެނީ ރައީސް ޑރ. މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ.

އިންޑިއާގެ އާންމު އިންތިހާބު މޯދީގެ ބަރަތުޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އާއިއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ކާމިޔާބު ކުރީ 293 ގޮނޑި ހޯދައިގެންނެވެ.

advertisement
ހިޔާލު ދެއްވާ!