ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލަނީ

ސަތާރަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި!

ސަތާރަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ މިދިޔަ އޭޕްރީލް އަދި މޭ މަހު އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެތެރޭގައި  ސިންތެޓިކް ކެތިނޯން، ކޮކެއިން، ހެރޮއިންގެ ޖުމްލަ ބަރުދަން: 7.840 ކިލޯ ހުރިކަމަށާ އެތަކެތީގެ މަގުމަތީ އަގު 17،726،000.00 (ސަތާރަ މިލިއަން ހަތްލައްކަ ސައްބީސް ހާސް) ރުފިޔާއަށް އަރާ ކަމަށެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ އޭޕްރިލް އަދި މޭއި މަހުގެ ތެރޭގައި ވައިގެ މަގުން އަދި ކުރިއަށް މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތައް ހުރުމުން، އިތުރަށް ބަލާ ފާސް ކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މި ތަކެތީގެ ތެރޭގައި މިދިޔަ އޭޕްރީލްމަހުގެ 2 ވަނަ ދުވަހު އަތުލައިގަތް 5،670 (ފަސް ކިލޯ ހަސަތޭކަ ހަތްދިހަ) ގުރާމް ކޮކެއިން އަދި އޭޕްރީލް 9ގައި އަތުލައިގަތް 180 ގުރާމް ސިންތެޓިކް ކެތިނޯން ހިމެނެއެވެ.

މީގެއިތުރުން މިދިޔަ މޭ މަހު 5 ގައި އަތުލައިގަތް 1،690 (އެއް ކިލޯ ހަސަތޭކަ ނުވަދިހަ) ގުރާމް ސިންތެޓިކް ކެތިނޯންއާ މޭ މަހުގެ 25 ގައި އަތުލައިގަތް 300 ގުރާމް ހެރޮއިން ހިމެނޭ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!