ސަޢޫދީ ޢަރަބިއްޔާގައި މާބޮޑަށް ހޫނުގަދަވެ މާދަމާގެ ހުކުރުނަމާދާއި ހުކުރު ޚުޠުބާ ކުރު ކުރަން އަންގައިފިއެވެ.
ޙައްޖު މޫސުމާ ދިމާކޮށް ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ ބަޔަކު މައްކާއަށް އަދި މަދީނާއަށް ޖަމާވަމުންދާ މިދަނޑިވަޅުގައި މިގޮތަށް ކަންތައްތައް ކުރެއްވުމަށް އަންގަވާފައި ވަނީ ދެ ޙަރަމްގެ އިމާމް، މަސްޖިދުލްޙަރަމްއާ މަސްޖިދުއްނަބަވީގެ ކަންތައްތަކާބެހޭ އިދާރާގެ ރައީސް، އިމާމް އައްޝައިޚް ޢަބްދުލްރަޙްމާނު އަލް ސުދައިސްއެވެ.
ދެ ޙަރަމްގައި ހުކުރު ކުރައްވާ އިމާމުންނަށް ޝައިޚް ސުދައިސް އަންގަވާފައި ވަނީ މައްކާ އަދި މަދީނާގައި ހޫނުގަދަވެފައި ވުމުގެ ސަބަބުން މާދަމާގެ ހުކުރުނަމާދާއި ހުކުރު ޚުޠުބާ ކުރު ކުރެއްވުމަށެވެ.
މި ދުވަސްވަރު ދުވާލުގެ ވަގުތުގައި ސަޢޫދީ ޢަރަބިއްޔާގެ ހޫނުމިން ހުންނަނީ 45 ޑިގްރީ ސެލްސިއަސްގައެވެ. ނަމަވެސް ފަތިހު ފިނިޖެހޭ ވަގުތު 30 ޑިގްރީއަށް ހޫނުމިން ދަށްވެއެވެ.
އެގޮތުން މާދަމާ ދުވާލު ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 45 ޑިގްރީގައެވެ. ހޮނިހިރު ދުވަހުވެސް 45 ޑިގްރީގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު، އާދީއްތަ އަދި ހޯމަ ދުވަހަށް ލަފާކޮށްފައި ވަނީ 44 ޑިގްރީއެވެ.
މިސަރަހައްދުގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން އިންޑިއާގެ އުތުރުގެ ސަރަޙައްދުތަކަށް ވެސް މިދުވަސްވަރު ވަރަށް ބޮޑަށް ހޫނުގަދަކަން ފާހަގަ ކުރެވެއެވެ.