އައިޔޫއެމްގެ ދަސްވެނިންނަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމުގައި ވަރަށް ބޮޑު ޒިންމާއެއް އަދާކުރާނެ ދަރިވަރުންތަކެއް: ނައިބު ރައީސް

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ދަސްވެނިވާ ކޮންމެ ދަރިވަރަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދިވެހީންގެ އިސްލާމީ އަޚްވަންތަކަން ދެމެހެއްޓުމުގައި ވަރަށް ބޮޑު ޒިންމާއެއް އަދާކުރާނެ ދަރިވަރެއްކަމުގައިވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އިސްލާމީ މަތިވެރި އަޤީދާ ދަމަހައްޓާ ޒުވާނުންތަކެއް ބިނާކުރުމުގައި އައިޔޫއެމްއިން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

އަދި އެ ޔުނިވަރސިޓީން ދަސްވެނިވެގެން ޤައުމީ ޚިދުމަތަށް ނުކުންނަ ކޮންމެ ޒުވާނަކީ އިސްލާމް ދީނުގެ މަތިވެރި ޝިޢާރުތަކާއި ޤައުމިއްޔަތުގެ މުހިއްމު ބަހާތަކަށް ރައްކާތެރިވާނެ ދަރިވަރުންތަކަކަށްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށާއި މިއަދު ރާއްޖޭގެ ކަންކަން ބައްޓަންވެފައިވާ ގޮތުން މަތީ ތަޢުލީމު ޙާސިލުކުރާ ފަރާތްތަކުން ވަރަށް ބޮޑު ޤުރުބާނީއެއް ވަމުންދާ ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ މަތީ ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންގެ ދަތިތައް ދެނެގަނެ ލުއިފަސޭހަ ގޮތްތަކެއް އެދަރިވަރުންނަށް ހޯދާދިނުން." ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މަތީ ތަޢުލީމު ޙާސިލުކުރުމަށްފަހު ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް ފުރަތަމަ، ޤައުމީ މަސްލަޙަތަށާއި މުޖުތަމަޢުގެ ހަމަޖެހުމަށް އިސްކަންދިނުމަށް އައިޔޫއެމުން ދަސްވެނިވި ދަރިވަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

advertisement
ހިޔާލު ދެއްވާ!