ޔޫރޯ ފުޓްބޯޅަ މުބާރާތާއި ގުޅުވައިގެން ޕީއެސްއެމުން ބާއްވާ ކުޑަކުދިންގެ ޚާއްސަ ހަވީރެއް މިއަދު ސެންޓްރަލް ޕާކުގައި އޮންނާނެ އެވެ.
ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ "ޔޫފޯރިއާ"ގެ ނަމުގައި ޕީއެސްއެމްއިން ބާއްވާ މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން ކުޑަކުދިންނާއި ގުޅޭ ގޭމުތަކާއި އިތުރު ޙަރަކާތްތަކާއި ތަފާތު އެކި ސްޓޯލްތައްވެސް ހުންނާނެ ކަމަށާއި މި ކުޑަކުދިންގެ ހަވީރު ޓީވީއެމްއިން ވަގުތުން ލައިވް ކުރުމަށްވެސް ވަނީ ހަމަޖެހިފައިކަމަށް ޕީއެސްއެމްއިން ބުނެއެވެ.
ޕީއެސްއެމްއިން ބުނީ ޔޫރޯއާ ގުޅުވައިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖައްސާވާ ކަމަށާއި ޔޫރޯއާއި ގުޅިގެން ޕީއެސްއެމުން ޚާއްސަ ކަވަރޭޖެއް ގެނެސްދިނުމަށްވެސް ވަނީ ތައްޔާރުވެފަ ކަމަށެވެ.
އެގޮތުން މުބާރާތާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ގެނެސްދިނުމަށް ޕީއެސްއެމުން ވަނީ "ޕީއެސްއެމް ފޯރި 2024″ ނަމުގައި ޚާއްސަ ކަވަރޭޖެއްވެސް ލޯންޗްކޮށްފަ ކަމަށް ޕީއެސްއެމްއިން ބުނެއެވެ.
މިމަހުގެ 14 ވަނަ ދުވަހު ފަށާ ޔޫރޯގެ މެޗުތައް ލައިވްކޮށް، ފުރިހަމަ އެޗްޑީ ކޮލިޓީގައި ބެލުންތެރިންނަށް ގެނެސްދިނުމަށް ރާއްޖޭގައި ރައިޓްސް އޮންނަ ހަމައެކަނި ފަރާތަކީ ޕީއެސްއެމް ކަންވެސް އެފަރާތުން ވަނީ ފާހަގަކޮށްފައެވެ.