ސަލާމަތް ސިއްޙަތެއްގައި ތިބުމަށް ރައްކާތެރި ކާނާއަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޚަލީލު މިފަދައިން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ކިތަންމެ މޮޅު ޤާނޫނެއް ނުވަތަ ޤަވާއިދެއް އޮތްނަމަވެސް އެކަން އެންމެ ރަނގަޅުގޮތުގައި ތަންފީޒުކުރެވޭނީ އަމިއްލަ ފަރުދުންނަށް ކަމަށާއި ސުފުރާއާ ހަމައަށް އަންނަ ކާނާއަކީ ރައްކާތެރި އެއްޗެއްކަން ކަށަވަރުކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައްކާތެރި ކާނާއަކީ ކޮންމެހެން ބޭނުން ކަމަށާއި މިކަން ދަނޑުވެރިންނާއި ގުޅިފައިވާއިރު ދަނޑުވެރިކަމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކި ބާވަތްތަކުގެ ދަނޑުވެރިކަން ކުރަމުންދާއިރު ދިވެހި ދަނޑުވެރިންގެ އަތްމަތިން ދަނޑުވެރިކަން ދޫކޮށްލާފައިވާ ކަމަށާއި ކުރިއާ ޚިލާފަށް މިހާރު ދަނޑުވެރިކަން ކުރުމުގައި ޙަރަކާތްތެރިވަނީ ބިދޭސީން ކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ކިތަންމެ ވަރުގަދަ ޤާނޫނެއް އޮތްނަމަވެސް އެފަދަ ކަންކަން ހުއްޓުމުގައި އެންމެ އެދެވޭ ބަދަލެއް ގެނެވޭނެ ބަޔަކީ އަމިއްލަ ފަރުދުން ކަމަށެވެ. އަދި އެމީހަކު ކާންބޯން ބޭނުންކުރާ ބާވަތްތަކަކީ ރައްކާތެރި ބާވަތްތަކެއްތޯ ކަށަވަރުކުރަންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.