ފަލަސްޠީނަކީ އިސްލާމީ އުއްމަތުގެ ޢިއްޒަތާއި ކަރާމާތާ ގުޅިފައިވާ ފަސްގަނޑެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ފަލަސްޠީނާ މެދު، އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު" މި ސުރުޙީއަށް ބިނާކޮށް މިއަދު ދެއްވި ޚުޠުބާގައި ވިދާޅުވީ އެއީ އިސްލާމީ ހިދާޔަތާއި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ދަޢުވަތާއި އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކާއި ގުޅިފައިވާ ފަސްގަނޑެއް ކަމަށެވެ.
ޚުޠުބާގައި ވިދާޅުވީ ފަލަސްޠީނާއި ބައިތުލްމަޤްދިސާއި އަލްމަސްޖިދުލްއަޤްޞާގެ ވާހަކަ ދެކެވޭ އިރު، އިސްރާއާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތުގެ ވާހަކަ ކޮންމެ މުސްލިމެއްގެ ހަނދާނަށް އަންނާނެކަން ކަށަވަރު ކަމަށާ އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތަކީ، ކީރިތި ރަސޫލާ ޞ.ޢ.ވ. ގެ ނުބުއްވަތުގެ ތެދުކަން ކަށަވަރުކުރެއްވުމަށާއި، އިތުރު އެކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައި މާތް اﷲ އިތުރު އެކަލޭގެފާނަށް ދެއްވި ވަރަށް މަތިވެރި މުޢުޖިޒާތެއް ކަމަށާ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ބުނެދެނީ ދުވަހަކު ވެސް އިސްލާމީ އުންމަތާއި ފަލަސްޠީނު ވަކިވެގެން ނުދާނެކަން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އިސްރާއަކީ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށް ރޭގަނޑުން ބައެއްގައި އެކަލޭގެފާނާއިގެން ކުރެއްވުނު ދަތުރުފުޅު ކަމަށާ މިޢުރާޖަކީ އަލްމަސްޖިދުލްއަޤްޞާއިން މަލަކޫތީ ޢާލަމަށް އެކަލޭގެފާނާއިގެން ކުރެއްވުނު ދަތުރުފުޅު ކަމަށާ މައްކާއާއި ބައިތުލްމަޤްދިސަކީ ގުޅިލައިމެހިފައިވާ، ތައުޙީދުގެ ރިސާލަތުގެ ދެ ދަންމަރު ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އަލްމަސްޖިދުލްޙަރާމާއި އަލްމަސްޖިދުލްއަޤްޞާއާ ދެމެދުގައި އޮތީ، ދުނިޔެ ދެމިއޮތްހައި ހިނދަކު ނިމުމެެއް ނުވާ ވަރުގަދަ ގުޅުމެއްކަމަށާ އަދި އަލްއަޤްޞާ ވަށައިގެންވަނީ ބަރަކާތްލެއްވިގެންވާ ތަންތަންކަމަށް މާތްﷲ ސ.ވ.ތ. ގެ ވަޙީބަސްފުޅެއްގެ މާނައިން ދޭހަވާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް މަސައްކަތްކުރުމަކީ އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށާ ޣައްޒާއާއި ރަފަޙާއި ފަލަސްޠީނުގެ އެ ނޫންވެސް އަވަށްތަކުގައި ޞަހްޔޫނީން ހިންގަމުން ގެންދާ ޢުދުވާނީ ޢަމަލުތަކަކީ ފަލަސްޠީނުގެ ނަސްލު ނައްތާލުމަށްޓަކަށް ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތައް ކަމަށާ މި ހުރިހާ ޖަރީމާތަކެއް ހިންގަމުން އެގެންދަނީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންޞާފުގެ ހަމަތަކާއި މުޅީން ޚިލާފަށް ކަމަށާ މި ޢުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާސް ބަޔަކު ވަނީ ޝަހީދުކޮށްލާފައި ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
"ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއްނެތިއެވެ. އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެތައް ބަޔަކުވަނީ ނުކުޅެދޭ ބަޔަކަށް ވެފައެވެ." ޣައްޒާގެ ޙާލަތު ބަޔާންކޮށްދެއްވަމުން ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވަނީ މި އަނިޔާވެރި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އަދި މި އަނިޔާވެރި ޢުދުވާނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ގޮވާލައްވައިފައެވެ.