ޙައްޖު 1444. މިއަހަރުގެ 3 ވަނަ ގުރޫޕް މިއަދު ވަނީ ފުރާފައި. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހިލޭ ޙައްޖަށް ގެންދާ 50 މީހުން ގުރުއަތުން ހޮވީ ފޭސްބުކްގައި ލައިވްކުރި ޙަރަކާތެއްގައި: އިސްލާމިކް މިނިސްޓްރީ

ހިލޭ ޙައްޖަށް ގެންދާ 50 މީހުން ގުރުއަތުން ހޮވީ ފޭސްބުކްގައި ލައިވްކުރި ޙަރަކާތެއްގައި ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ދަޢުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް ފޮނުވާ 1000 ފަޤީރުންގެ ތެރެއިން 1445 ވަނަ އަހަރު ޙައްޖަށް ފޮނުވާ 50 ފަޤީރުން ކަނޑައަޅައި ނިމި އެފަރާތްތަކުގެ މަޢުލޫމާތުވާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

ވުޒާރާއިން ބުނީ 50 މީހުން ހޮވާފައިވާނީ އެ ވުޒާރާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ގެންދެވުނު ލައިވް އިވެންޓެއްގައި ގުރުއަތުލުމަކުން ކަމަށާ ޖުމްލަ 60 މީހުންގެ ގުރުއަތެއް އެދުވަހު ނެގުނު ކަމަށާ އެއީ 1445 ވަނަ އަހަރު ޙައްޖަށް ދާން ގުރުއަތުން ހޮވުނު 50 (ފަންސާސް) ފަރާތުގެ ތެރެއިން އެއްވެސް ސަބަބަކާއި ހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، ޖާގަ ދޭނެ އިތުރު 10 (ދިހަ) ފަރާތެއް ހިމެނޭ ގޮތަށް ކަމަށެވެ.

އަދި ފުރަތަމަ ޖާގަ ލިބުނު 50 ފަރާތުގެ ތެރެއިން އުޒުރުވެރިވެގެން 10 ފަރާތުން ވަނީ ޖާގަ މިއަހަރަށް ދޫކޮށްލާފައި ކަމަށާ އެހެންކަމުން ލިސްޓްގެ ތަރުތީބުން ރިޒާވް ލިސްޓުގައި ތިބި 10 ފަރާތަށް އެ ފުރުސަތު ވަނީ ދެވިފައި ކަމަށާ މި 50 ފަރާތްތަކުގެ ތެރެއިން އަތޮޅުތެރޭ ތިބި ފަރާތްތައް މާލެ ގެނައުމާއި ކެއުމާ ބުއިމުގެ ޚަރަދު އަދި ޙައްޖު ދަތުރު ނިމި އެބުރި ރަށަށް ފޮނުވުމުގެ ޚަރަދު  ދަޢުލަތުގެ ފަރާތުން މިހާރު ވާނީ ހަމަޖައްސާފައި ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި، 31 މެއި 2024 ގައި ފުރި ފުރަތަމަ ފްލައިޓުގައި މި 50 ފަރާތުގެ ތެރެއިން 01 ފަރާތް އަދި 03 ޖޫން 2024 ގައި ފުރި ދެވަނަ ފްލައިޓުން 01 ފަރާތާއެކު ޖުމްލަ 02 ފަރާތެއް މިހާރު ތިބީ ސަޢުދީ ޢަރަބިއްޔާގައި ކަމަށާ ބާކީ ތިބި 48 ޙައްޖުވެރިން (07 ޖޫން 2024 ހުކުރު ދުވަހު) މިއަދު، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ތިންވަނަ ފްލައިޓުން ފުރާފައިވާކަން އެ ވުޒާރާއިން ވަނީ ފާހަގަ ކުރައްވައިފައެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 ރައްޔިތުން، އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ 5 އަހަރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މިކަން އެމަނިކުފާނު އިޢުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތްތާ 3 ވަނަ ހަފުތާ ތެރޭ، 5 ޑިސެމްބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައި، ރިޔާސީ ދައުރުގައި އަންނަ ފުރަތަމަ ޙައްޖު މޫސުމުގައި، ސަރުކާރުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުއްވުމަށް ނިންމަވައި އެކަން ވަނީ އިޢުލާނު ކުރައްވާފައިކަން ފާހަގަ ކުރެވެއެވެ.

advertisement

1 Comment

  1. ޑޮންޑޮން on

    އަމިއްލަ ހަރަދުގަ ދާން ކިތަންމެ ބަޔަކު ތައްޔާރައްތިއްބަ މިހެން ސަރުކާރު ހަރަދުގަ ފޮނުވުމުގެ ބޭނުމަކީ ކޮބާ ؟ ވާޖިބު ނުވާ ހާލު ރައްޔުތުން އަތުން ނަގާ ފައިސާ ކޮޅުގަ އެ ފޮނުވަނީ މި އުޅެނީ ލާރި ގިނަވެގެން އުތަ ؟

ހިޔާލު ދެއްވާ!