ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދިވެހި ޤައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ލ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން މަރުޙަބާ ދެންނެވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ އަމާން ރާއްޖެއެއް ދިވެހިންނަށް ހޯއްދަވައިދެއްވުމުގެ ހިތްވަރާއި ބުންވަރު ހުރި ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.
އަދި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދިވެހި ޤައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށްވުމުން ރައީސް ރާއްޖެއަށް ތަރައްޤީ ގެންނަން ބޭނުންވާ ހަލުވިކަމާއެކު ނުގެނެވުނު ނަމަވެސް ރެޔާއި ދުވާލު އެމަނިކުފާނު ގެންދަވަނީ އެމަނިކުފާނު ވެވަޑައިގެން ވަޢުދުތައް ފުއްދުމުގައި އަވަދިނެތި މަސައްކަތްޕުޅު ކުރައްވަމުން ކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ މިވަގުތު ޤައުމު އޮތް ހާލަތުން އަރައިގަތުމަށް ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށާއި އެ މަސައްކަތް ޢަމަލީ ގޮތުން ރައްޔިތުން ފައްޓަވަންޖެހޭ ކަމަށެވެ.
"ދިވެހިންނަށް އަމާން ސާފު ރީތި ރާއްޖެއެއް ހޯއްދަވައިދެއްވުމުގެ ޤާބިލްކަމާއި ހިތްވަރާއި ފަންވަރު ހުރި ކަމަށް ފެންނަ ހަމައެކަނި ލީޑަރަކީ ރައީސް މުޢިއްޒު" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.