Dr. Shaheem
އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓުގައި ޑރ.ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މިނިސްޓްރީ

ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދިޔުމަކީ އިސްލާމީ އުންމަތުގައި ކުރަމުން އައި ކަމެއް: ޝަހީމް

ދައުލަތުގެ ޚަރަދުގައި، ތަނަވަސްކަން ނެތް މީހުން ހައްޖަށް ގެންދިޔުމަކީ އިސްލާމީ އުންމަތުގައި މީގެ ކުރިންވެސް ކުރަމުން އައި ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ދެއްވި އިންޓަވިއު އެއްގައި އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއަދު ހައްޖަށް ފުރި ފަރާތްތަކުގެ ތެރެއިން 48 މީހުންނަކީ ސަރުކާރުގެ ހަރަދުގައި ހައްޖަން ފޮނުވާ ފަރާތްތައް ކަމަށާ އެހެން ކަމަށް ވުމުން މިއަދަކީ ވަރަށް ވެސް ހާއްސަ ދުވަހެއް ކަމަށެވެ.

"މިކަމާ ގުޅިގެން ވެސް ނަފްރަތު އުފެދޭ ވާހަކަތައް އެބަދައްކާ. މި މީހުން ހައްޖަށް ފޮނުވަނީ ޒަކާތުގެ ފައިސާއިންނޭ. މިއީ ހައްޖު ވާޖިބުނުވާ ބަޔަކަށް ހައްޖުގެ ކިޔު ސިސްޓަމްގެ ތެރެއިން ނާޖައިސް ގޮތުގައި ޖާގަ ހޯދައިދިނިއްޔޭ. މި ގޮތަށް ވާހަކަތައް ފަތުރަމުންދަނީ. މިއީ ވަރަށް ހިތާމަވެރި ކަމެއް. އެފަދަ އެއްވެސް ކަމެއް ނުހިނގާ. ޒަކާތުގެ ފައިދާއިން ފަގީރުން ހައްޖަށް ހޭދަކުރުން ޝަރުއީ ގޮތުން މައްސަލައެއް ނޫން. އެހެން ނަމަވެސް ސަރުކާރުން މިކަން ކުރަނީ ދައުލަތުގެ ހަރަދުގައި." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ޝަހީމް ވިދާޅުވީ ސަރުކާރުން ހައްޖަށް ލިބޭ ކޯޓާގެ ތެރެއިން ކޮންމެވެސް ވަރެއް އަބަދު ވެސް ރިޒާވްގައި ބަހައްޓާ ކަމަށެވެ. އަދި ފަގީރުންނަށް ހައްޖުގެ ފުރުސަތު ފަހިކޮށްދިނީ އެ ކޯޓާގެ ތެރެއިން ކަމަށެވެ.

ސަރުކާރުގެ ފަރާތުން މީހުން ހައްޖަށް ފޮނުވުމަކީ ހުރިހާ ޒަމާނެއްގައިވެސް  އިސްލާމީ އުންމަތެ އެކި ކަންކޮޅުތަކުގައި އޮތް ކަމެއް. އެކަން ރާއްޖޭގައި ތަންފީޒު ވެގެން މިދަނީ ރައީސް މުއިއްޒުގެ ވައުދުފުޅުގެ ތެރެއިން" ޑރ ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ޝަހީމް ވަނީ ދައުލަތުގެ ޚަރަދުގައި މީހުން ހައްޖަށް ފޮނުވުމަކީ ޝަރުއީ ގޮތުން އެއީ މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ.

advertisement
ހިޔާލު ދެއްވާ!