ޙައްޖު ކިޔު މަދު ކުރަން ބޭނުންނަމަ މިހާރު އޮތް އުސޫލަށް ބަދަލު ގެންނަން ޖެހޭ!

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 2030 ވަނަ އަހަރާ ހަމައަށް ފައިސާ ދައްކައި މީހުން ރަޖިސްޓްރީވެފައި އެބަތިއްބެވެ. މި ކިޔު މަދު ކުރަން ބޭނުންނަމަ މިހާރު އޮތް އުސޫލަށް ބަދަލު ގެންނަން ޖެހެއެވެ.

ދިވެހިރާއްޖެ އަށް ލިބެނީ އާންމުކޮށް 1000 އާއި 700 އާ ދެމެދުގެ އަދަދެކެވެ. ނަމަވެސް މިއަހަރު ރާއްޖެ އަށް ވަނީ 1150 ކޯޓާ ލިބިފައެވެ. މީގެ ތެރެއިން 50 ކޯޓާ ޚާއްސަ ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ދަޢުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް ފޮނުވާ 1000 ފަޤީރުންގެ ތެރެއިން 50 ފަގީރުންނަށެވެ.

ނަމަވެސް އެހެން އަހަރުކަތަކާ ޚިލާފަށް ގިނަ ބަޔަކަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފައިސާ ދައްކައި ކިޔުގައި ތިބި ބައެއް ފަރާތްތައް ޙައްޖަށް ދިޔުމުގެ ފުރުސަތު ނުލިބި ދުނިޔެ ދޫކޮށްވެސް އެބަދެއެވެ. މިއީ ރާއްޖޭގެ ވެރިކަން ކުރި ގިނަ ރައީސުން އިޙްމާލުވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މި މައްސަލަގައި އަޅުގަނޑު ހޯދި މަޢުލޫމާތުން އެނގުނު ގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުރިން ގޮސްފައިވާ މީހުންނަށް ވެސް ރަޖިސްޓްރީކޮށްގެން ކިޔު ތަރުތީބުން ކިތައްމެ ފަހަރަކުވެސް އެބަދެވެއެވެ.

މި މައްސަލައަށް އަވަސް ހައްލެއް ގެންނަން ސަރުކާރުން ބޭނުންކަމުގައިވާނަމަ އެއްފަހަރު ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހުންނަށް އިތުރު ފުރުސަތު ދޭންވާނީ އަލަށް ދާ މީހުންނަށް ފުރުސަތު ދިނުމަށްފަހުއެވެ.

އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިއަހަރު ވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްދާ މީހުންގެ ތެރޭގައި ތިންފަހަރު ޙައްޖަށް ގޮސްފައިވާ މީހުންވެސް ހިމެނެއެވެ.

މިއީ އުސޫލަށް ބަދަލު ގެނެސްގެން ނަމަވެސް ބަދަލު ގެންނަން ޖެހޭ ކަމެކެވެ. މި ސަރުކާރުން އަންނަ އަހަރު މިކަމަށް ސަމާލު ކަން ދިނުމަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކާފައިވާ، މުޅިން އަލަށް ޙައްޖަށްދާން ބޭނުންވެފައިވާ ގިނަ ބައެއްގެ ހިތްތަކަށް ތަސައްލީއެއް ލިބިގެންދާނެ ކަމެކެވެ.

advertisement
ހިޔާލު ދެއްވާ!