ދިވެހިރާއްޖޭގެ ފަންނުވެރިންނަކީ އެފަރާތްތަކުގެ ކުޅަދާނަކަމާއި ހުނަރުތައް ދައްކައިގެން މީހުންގެ ސަމާލުކަން ހޯދިދާނެ ފަންނުވެރިންތަކެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)ގެ "ފެނުން ދިރުން" އާޓް ކޮމްޕެޓިޝަން އިފްތިތާހު ކުރުމަށް ސަލްޓަން ޕާކުގައި ރޭ ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިބްރާހީމް ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގެ ފަންނުވެރިންގެ މަސައްކަތް ބަލައިގަނެ އެފަންނު ކުރިއެރުވުމަށް ދައުލަތުން މަސައްކަތް ކުރަން ޖެހޭކަމަށެވެ.
އަދި ހުނަރުވެރި އެތައް ކުރެހުންތެރިންނެއް މިހާރުވެސް ރާއްޖޭގައި ތިބިކަމަށާއި ފަންނުވެރިންގެ ކަންކަން ބަލަހައްޓައި އެފަރާތްތަކުގެ މަސައްކަތް ކުރިއެރުވުމަކީ ވަކި ވުޒާރާއެއްގެ މެންޑޭޓުގެ ތެރެއިން ހިންގަން ޖެހޭނެކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ހަމައެހެންމެ މިއީ މުޅި ދައުލަތުން ކުރަން ޖެހޭނެ މަސައްކަތެއް ކަމަށް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިމަސައްކަތަކީ ވަކި މިނިސްޓްރީއެއްގެ މެންޑޭޓުގެ ތެރެއިން ހިންގަން ޖެހޭ ކަމެއްކަމަށް އެމަނިކުފާނު ދެކިވަޑައިނުގަންނަވާ ކަމަށެވެ.
"އާޓިސްޓުންގެ މަސައްކަތް ބަލައި ގަނެ ފަންނު ކުރިއެރުވުމަކީ މުޅި ދައުލަތުގެ މައްޗައް އޮތް ވާޖިބެއްކަން އަޅުގަނޑު ގަބޫލް ކުރަން" ވަޒީރު ވިދާޅުވިއެވެ.