މީގެ 17 ވަރަކަށް އަހަރުކުރިން އުފެދިގެންދިޔަ ސިވިލް ސަރވިސް މިއަދު ފެނިގެންދަނީ ޒަމާނާ ގުޅޭ ވަރަށް ހެޔޮ ބަދަލުތަކާއެކު އޮތް މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ 4 ވަނަ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތު ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް ހަލުވިކޮށް ޒަމާނީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ޤައުމީ މަސައްކަތްޕުޅު ކާމިޔާބުކުރުމުގައި ދިވެހި ސިވިލް ސަރވިސްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށެވެ.
އަދި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަން މަސައްކަތްކުރާ އެއް ބަޔަކީ ސިވިލް ސާރވިސް ކަމަށާއި ކޮންމެ ސަރުކާރެއްގެވެސް އަމާޒުތައް ޙާޞިލްކޮށްދިނުމުގައި ދިވެހި ސިވިސް ސަރވިސް އިން ޤައުމީ ލޯބީގައި މުރާލިކަމާ ޖޯޝާއެކު ތައުރީފު ޙާއްޤު ޚިދުމަތްތަކެއް ކޮށްދެމުންދާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ކެތްތެރިކަމާއި ޙިކްމަތްތެރިކަމާއެކު އަދާކުރަންޖެހޭ ބުރަ ޒިންމާއެއް ކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ކޮންމެ ވުޒާރާއަކާ ކޮންމެ އޮފީހަކުންވެސް އެއްވެސް ދައްޗެއް ނެތި ފަސޭހަކަމާއެކު ޚިދުމަތް ލިބެން ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ ކަމަށެވެ.