ކަރަންޓުގައިޖެހި ޒުވާނަކު ނިޔާވި ހާދިސާގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަނީ!

އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހި ޒުވާނަކު ނިޔާވި ހާދިސާގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ނިމިދިޔަ މޭ މަހުގެ 23 ގައި، ރ. އުނގޫފާރު މަގުމަތީގައި ހެދިފައި އޮތް ފެންކޯރެއްގައި ކުޅެން އުޅުނު ކުޑަ 2 ކުދިން ކަރަންޓުގައި ޖެހި، އެ ކުދިން ސަލާމަތްކުރަން އެތަނަށްދިޔަ 18 އަހަރުގެ ޒުވާނެއް ކަރަންޓުގައިޖެހި ޙާލު ސީރިއަސްވެގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެ ދުވަހު ވަނީ ފަރުވާދޭން ފަށައިފައެވެ.

އެ ހާދިސާގައި ޙާލު ދެރަވި އުނގޫފާރު، ދޫނިހުރާ، ހުސައިން އަތީކުއަށް ފަރުވާ ދެމުން ދަނިކޮށް އައިޖީއެމްއެޗްގައި އިއްޔެވަނީ ނިޔާވެފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މިއަދު ވިދާޅުވީ، އެ މައްސަލަ ބަލައި ނުނިމޭ ކަމަށާއި މައްސަލަ ބަލައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ހޮޅި ދަނޑީގައި ހަރުކުރަން ޖެހޭ އީއެލްސީބީއެއް ހަރު ނުކުރެވި ހުރުމުގެ ސަބަބުން ކަމަށާ އަދި، އޭރު ހޮޅި ދަނޑިއަށް ކަރަންޓު އަންނަ ގޮތަށް ހޮޅި ދަނޑީގައި ޖެހިފައި ކޭބަލެއް އޮތްކަމަށެވެ.

މުއާޒު ވިދާޅުވީ، މަގުމަތީ ހޮޅި ދަނޑިތައް ދިއްލުމާއި ބަނދަރުތައް ދިއްލުމުގެ ޚިދުމަތަކީ ކައުންސިލުތަކުންދޭ ޚިދުމަތެއް ކަމަށެވެ. ނަމަވެސް، އޭގެ ކަރަންޓުގެ ކަންކަން ގަވާއިދާ އެއްގޮތަށް ހުރިތޯ ޔަގީންކޮށް ގަވާއިދަށް އެ ތަންތަން ފެއްތުމަކީ ފެނަކައިގެ ޒިންމާއެއް ކަމަށާ ފެނަކައިން ވަނީ އެފަދަ ހާދިސާއެއް ތަކުރާރު ނުވާނެކަން ޔަޤީންކުރަން އިންސްޕެކްޝަނެއް ހަދަން ވެސް ފަށައިފައެވެ.

މި ހާދިސާގައި ކަރަންޓުގައި ޖެހިގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިން 12 އަހަރުގެ އަންހެން ކުއްޖަކާއި 14 އަހަރުގެ ފިރިހެން ކުއްޖާ ވަނީ ފަރުވާއަށްފަހު ދޫކޮށްލައިފައެވެ.

advertisement
ހިޔާލު ދެއްވާ!