ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދިން ބޮމުގެ ހަމަލާއަކުން ސަލާމަތްވި ކުޑަކުދިންތަކެއް. ފޮޓޯ: ފަލަސްޠީނު މީޑިއާ

4 އަސީރުން ސަލާމަތްކުރަން ޔަހޫދީން ހިންގި ޤަތުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު 274 އަށް އަރައިފި!

އިސްރާއީލުގެ 4 އަސީރުން ސަލާމަތްކުރަން ހަރުކަށި ޔަހޫދީންނާ އެމެރިކާ ސިފައިން ގުޅިގެން ހިންގި ޤަތުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު 274 އަށް އަރައިފި ކަމަށް ޣައްޒާގެ ރަސްމީ އިދާރާތަކުން ބުނެފިއެވެ.

އަސީރުން ސަލާމަތްކުރަން ކަމަށްބުނެ އެމެރިކާ ސިފައިންނާ ޔަހޫދީ ސިފައިން އިއްޔެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ބޮންއަޅާ ޤަތުލުއާންމު ހިންގާފައިވާއިރު ޝަހީދުވި 274 މީހުންގެ ތެރޭގައި 64 ތުއްތު ކުދިންނާއި 57 އަންހެނުން ހިމެނެއެވެ. އަދި މި ޤަތުލުއާންމުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 700 އަށް އަރައިފައެވެ.

މި ޤަތުލުއާންމުގައި ހަރުކަށި ޔަހޫދީ ސިފައިން ވަނީ ޣައްޒާގެ ރައްޔިތުންގެ 2 ކާރުވެސް ބޭނުންކޮށްފައި ވާކަމަށް ޣައްޒާގެ އޮފިޝަލުން ވަނީ ބުނެފައެވެ.

މި ޤަތުލުއާންމުގައި ޔަހޫދީން ވަނީ ނުސައިރަތު ކޭމްޕުގައި ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން އައި 89 އިމާރާތަކަށް ބޮންއަޅައި ބިމާ ހަމަކޮށްފައެވެ.

މި ޤަތުލުއާންމާ ގުޅިގެން ހަމާސްއިން މިއަދު އާންމުކުރި ވީޑިއޯއެއްގައި ބުނީ 4 އަސީރުން ސަލާމަތްކުރަން ދިން ހަމަލާތަކުގައި ހަމާސްއިން ހައްޔަރުކޮށްފައި ތިބި އިސްރާއީލުގެ 3 އަސީރުން މަރާލާފައިވާ ކަމަށާ އޭގެތެރެއިން އެކަކީ އެމެރިކާގެ ރައްޔިތެއް ކަމަށެވެ.

ހަމާސްއިން ބުނީ އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރުމުން ނޫނީ ހަމާސްއިން އަސީރުން މިނިވަން ނުކުރާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހަރުކަށި ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 37،084 މީހުން ވަނީ ޝަހީދު ކޮށްފައެވެ. އަދި ބޮޑެތި ޒަހަމްތައް ލިބިފައިވާ މީހުންގެ އަދަދު 84،494 އަށް އަރާ ކަމަށް ޣައްޒާގެ މަސްދަރުތަކުން ބުނެއެވެ.

advertisement
ހިޔާލު ދެއްވާ!