އިންޑިއާގެ ބޮޑުވަޒީރު މޯދީ އަދި ރައީސް ޑރ. މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

އިންސާނީ ކުރިއެރުން ހޯދުމަށް އަބަދުވެސް މަސައްކަތް ކުރާނީ ޕާޓްނަރުންނާއިއެކު: މޯދީ

އިންސާނީ ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމުގައި އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރާނީ އަގުހުރި ޕާޓްނަރުންނާއި އެކު ކަމަށް  އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިފަދައިން ވިދާޅުވީ ބޮޑުވަޒީރު ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ގައުމުތަކުގެ އިސް ބޭފުޅުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިންސާނީ ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމުގައި ބައިވެރިވެރިންނާއެކު މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމަށާއި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭރުގެ އިއްޒަތްތެރިންނަށް ޝުކުރު ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.

މޯދީއަށް އިންޑިއާގެ ބޮޑުވަޒީރުގެ މަގާމުގެ ހުވައި ލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ އިސްވެރިން ހިމެނޭހެން އެކި ގައުމުތަކުގެ އެތައް ހާސް ޢިއްޒަތްތެރީން ބައިވެރިވެވަޑައިގެންފައިވެއެވެ.

ބޮޑުވަޒީރު ކަމަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ޖާފަތުގައި މޯދީގެ އެންމެ އަރިހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންނެވިކަން ފާހަގަކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!