ކުރިއަށް އޮތް އަޟްޙާ ޢީދަށް ތައްޔާރުވުމަށް މާލޭ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދުތަކުގައި ކުލަ ބޮކި ހަރުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި އަހަރު ބޮޑު ޢީދުވެސް ކުޑަ ޢީދެކޭ އެއްގޮތަށް ގްރޭޓާ މާލޭ އޭރިއާގައި ވެސް ޢީދަށް ލައިޓުތައް ހަރުކުރާނެ ކަމަށެވެ.
އެގޮތުން ފިތުރު އީދުގައިވެސް މާލޭގެ ގިނަ މަގުތަކާއި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ހިމެނޭހެން ކުލަ ގަދަކޮށް ބޮކި ދިއްލާފައިވާ ކަން ފާހަގަކުރެވެއެވެ.
ސަރުކާރުން ވަނީ މި އަހަރުގެ ބޮޑު ޢީދު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައެވެ.
އިސްލާމީ ވަންތަކޮށް އީދު ދުވަސްތައް ފާހަގަކުރުމަށް ބޮކިފައްޗާއި ގިޑިގެތަކުން ސިޓީތަކާއި ވެރިކަން ކުރާ ރަށްތަކުގެ މަގުތަކާއި ޕާކް ފަދަ ތަންތަން ދިއްލާލުމަކީ ރައީސްގެ އިސް ނެންގެވުމަށް ކުރާ ކަމެކެވެ. ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކުލަގަދަކޮށް އީދު ފާހަގަކުރައްވާނެ ކަމަށެވެ.
އެހެންކަމުން އެ ވައުދުފުޅު ފުއްދެވުމަށް މި އަހަރަށް އީދަށް ބޮޑު ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 50 މިލިއަން ރުފިޔާ އީދު ފާހަގަކުރުމަށްޓަކައި ބަޖެޓްގައި ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.