ސަރުކާރުގެ ހަރަދުގައި ހައްޖަށްދާ 50 މީހުން ހޮވުމުގައި ނާއިންސާފުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް އެކަމުގައި އެއްވެސް މީހެއްގެ ނުފޫޒުއްވެސް ނޯންނާނެ ކަމަަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1000 ދިވެހި ރައްޔިތުން، ރިޔާސީ މި ދައުރުގައި ސަރުކާރުގެ ހަރަދުގައި ޙައްޖަށް ފޮނުއްވުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅެކެވެ.
މިއަދު ހައްޖަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަހީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުގެ ދަށުން 50 ހައްޖުވެރިން، ފަގީރުންގެ ގައުމީ ދަފްތަރުގެ ތެރެއިން ގުރުއަތުން އިހްތިޔާރު ކުރެވިގެން ފޮނުވަފައިވާއިރު، މިއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައިވެސް ކުރާ ކަމެއް ކަމަށެވެ.
"ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރާ ކަމެއް އެއީ ސަރުކާރުގެ ފަރާތުން ހައްޖަށް ފޮނުވަމަކީ އިސްލާމީ ދައުލަތުން ކުރާ ރަނގަޅު ކަމެއް އެ ކަމަކީ، އަޅުގަނޑުމެން ބަލަމާ ސައުދި އަރަބިއްޔާގެ ސަރުކާރުން މިފަހަރުވެސް ފަލަސްތީންގެ ހާއްސަ އާއިލާތަކުގެ 2،000 މީހުންނަށް މެހުމާންދާރީ އަދާ ކުރޭ، އަދި ދުނިޔޭގެ ހުރިހާ ގައުމަކަށް ސައުދި އަރަބިއްޔާއިން އެ ފުރުސަތު ފަހިކޮށްދީފައި ވޭ، އެ ގައުމުން އިހްތިޔާރު ކުރެވޭ ބަޔަކަށް ހައްޖު ކުރުން،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިކަމުގެ ގަދަރު ކުޑަކޮށްލާ މިކަމާއި ބެހޭ ގޮތުން ސިޔާސީ ގޮތުން ވާހަކަނުދެއްކުމަށް ވަަރަށް އަދަބުވެރިކަމާއެެކު އެދޭ ކަަމަށެވެ.
"ސަބަބަކީ މިއީ ބައެއްގެ އަޅުކަމާއި ގުޅޭ ކަމެއް، އަޅުކަން ކުރަން ގޮސްފައި ތިބި ފަރާތްތަކާއި، އެ މީހުންގެ އާއިލާތަކަށް ލިބިފައި ހުރި އުފާވެރިކަން ނިގުޅައިގަތުމަށް އަޅުގަނޑުމެން މަސައްކަތްކޮށްގެން ނުވާނެ، މީހަކަށް ހައްޖު ކުރުމުގެ ފުރުސަތު ލިބުމީ މާތްﷲ މި ދުނިޔޭގައި މުސްލިމަކަށް ދެއްވާނެ މަތިވެރި އުފަލެއް، އެ އުފަލުގައި އެ މީހުންގެ އާއިލާތަައް ބައިވެރިވެ، ދަރިން ބައިވެރިވޭ،".
އޭނާ ވިދާޅުވީ، ރާއްޖޭގެ ގައުމީ ދަފްތަރަކީ ވަރަށް އިތުބާރު ހުރި ދަފްތަރެއް ކަމަށެވެ. އޭގެ އިތުބާރު ނަގާލަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހަރަދުގައި ހައްޖަށް ދިޔަ މީހުންނަށް ހަރަދު ކުރީ ޒަކާތް ފަންޑުން ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ސީދާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަޖެޓުންނޭ މިކަމަަށް ހަރަދު ކުރީ، ސަރުކާރުގެ ވައުދަކަށް ވާތީވެ، އެހެންވީމަ ޒަކާތުގެ ނިޒާމުގެ ގަދަރު ކުޑަވާ ގޮތަށް ވާހަކަނުދެއްކުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން،".

ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 667 މީހުންނެވެ.
ވަޒީރު ވިދާޅުވީ، ފަގީރުންގެ ދަފްރަތުން ޝަރުތު ހަމަވާކަމަށް ފެންނަ ލިސްޓު ގުރުއަތަށް ދިޔައިރު، މީހުން ހޮވާފައި ވަނީ ގުރުއަތުން ކަމަށެވެ.
"މިއީ އެއްވެސް ޕާޓީއެއްގެވެސް މިނިސްޓަރެއްގެވެސް، އެއްވެސް މީހެއްގެ ނުފޫޒެއް އޮތް ކަމެއް ނޫން، ގުރުއަތުން ނެގުނު މީހުންތައް މީޑިއާ ކުރިމަތީގައި، ސްކޫލް ދަރިވަރުން އައިސްގެން ލިސްޓުން ގުރުއަތުން މީހުން އިހްތިޔާރު ކުރެވުނީ،". އޭނާ ވިދާޅުވިއެވެ.
އަދި އޭނާ ވަނީ މީހުން އިހުތިޔާރު ކުރުމުގައި މައްސަލައެއް އުފެދިފައިވާ ކަމަށް މިހާތަނަށް ބަލި ބެލުމަށް ފާހަގަކުރެވިފައި ނުވާ ކަމަށެެވެ.
ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭނެއެވެ.