ވޯޓު ލެއްވުމަށްފަހު ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް ރައީސް ވިދާޅުވެއްޖެ!

އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ނަރެންދުރަ މޯދީ އެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިއީ ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރުފުޅެއް ކަމަށާއި ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ދެއްވީތީ އުފާކުރައްވާ ކަމަށެވެ.

ރައީސް ވަނީ މިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސްގެ މިދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ، ރައީސާ ދުރޫޕަދީ މުރްމޫއާއި، އެކްސްޓަރަނަލް އެފެއަރޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ނިއުދިއްލީގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގަ އެވެ.

ރައީސް ވިދާޅުވީ އެ ބައްދަލުކުރެއްވުންތަކުގެ ސަބަބުން ކުރިއަށްވުރެވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ރާއްޖެއަށް ފަހިވެގެންދާނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!