ސިވިލް ސަރވިސް އެކި ގޮތްގޮތުން ބަދަލުވަމުން ކުރިއަރަމުން އަންނަތާ ގިނަ އަހަރުވެފައިވާ ކަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިފަދައިން ވިދާޅުވީ ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މިނިޒާމުގައި ބޭރުގެ ކުލަތައް ޖެހެންފެށީ ދާދިފަހަކުން ކަމަށާއި މިއަދު އާދެވިފައިވާ ހިސާބުން ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ވިސްނަންވީ އަދި އުފައްދަންވީ މުހިއްމު ސުވާލުތަކެއް ހުރިކަމަށެވެ.
ނާޒިމް ވިދާޅުވީ ސިވިލް ސަރވިސްގައި މަސައްކަތްކުރާ ފަރާތްތަކުން ހިތްހަމަޖެހުމާއި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ހިތްހަމަޖެހުމުގެ މައްޗަށް ފުރިހަމަ ޚިދުމަތެއް ބައްޓަންވެގެންދާކަނެ ކަމަށެވެ.
އަދި ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިޔުމަށް ސިޔާސީ ގޮތުން ޚިދުމަތަށް ނިކުންނަ ފަރާތްތަކާއި ދިވެހި ސިވިލް ސަރވިސްގެ ޚިދުމަތްތެރިން ގުޅިގެން އެއް މިސްރާބެއްގައި މަސައްކަތްކުރަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"ސަރުކާރެއް އަންނަނީ ރައްޔިތުންނަށް ވަޢުދުތަކެއް ވެގެން. އެވަޤުދުތައް ފުއްދުމަށް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ތިބި ސިވިލް ސަރވިސް މުވައްޒަފުންގެ އެހީ ބޭނުންވާނެ. އެއް މިސްރާބަކަށް ދާނަމަ ނަތީޖާ އަވަހަށް ނެރެވި އޭގެ ފައިދާ ކުރާނީ ހަމަ ރައްޔިތުންނަށް." ނާޒިމް ވިދާޅުވިއެވެ.