ޣައްޒާގެ ސަރަޙައްދެއް. ޔަހޫދީން ބޮންއަޅައި ޣައްޒާގެ އިމާރާތްތައް ވަނީ ބިމާހަމަކޮށްފައި

ޤަތުލުއާންމު ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރަށް ހަމާސްއިން މަރުޙަބާ ކިޔައިފި!

ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެގެން ތިބި ޔަހޫދީ ސިފައިން ހިންގަމުން އަންނަ ޤަތުލުއާންމުތައް ހުއްޓާލުމަށް ގޮވާލާ އެމެރިކާއިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު ފާސްކުރުމުން ހަމާސް ޖަމާޢަތުން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.

ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތެރެއިން 14 މެމްބަރު ޤައުމުގެ ވޯޓާއި އެކު މި ޤަރާރު ފާސްކުރުމާއި ގުޅިގެން ހަމާސްއިން އިއްޔެ ނެރުނު ބަޔާނެއްގައި އެކަމަށް މަރުޙަބާ ކިޔައި ބުނެފައިވަނީ، ޣައްޒާގައި ސުލްޙަ ޤާއިމުކުރުމަށާ، ޣައްޒާއިން އިސްރާއީލު ސިފައިން ބާލައި އަސީރުން ބަދަލުކުރުމަށް ސަލާމަތީ މަޖިލީހުން ނިންމި ނިންމުމަށް އުފާކުރާކަމަށެވެ.

މި ޤަރާރަކީ އެމެރިކާގެ ރައީސް ބައިޑަން މޭ މަހުގެ 31 ގައި ހުށަހެޅި ތިން ފިޔަވަހީގެ ސުލްޙައިގެ ޕްލޭންއަށް ތާޢީދުކޮށް އަމަލުކުރުމަށް ފާސްކުރި ޤަރާރެކެވެ. މި ޤަރާރު ފާސްކުރުމަށް ނެގި ވޯޓުގައި ރަޝިޔާ ބައިވެރިނުވެއެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރަމުން އަންނަ މުޖާހިދުން

 

އެމެރިކާއިން ހުށަހެޅި ޕްލޭންގައި ވާގޮތުން ފުރަތަމަ ފިޔަވަހީގައި 6 ހަފްތާއަށް ހަމަލާތައް މެދުކަނޑާލަން ޖެހެއެވެ. އަދި ޣައްޒާގެ އާންމުުން ދިރިއުޅޭ ހުރިހާ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފައިބަންޖެހެއެވެ. އަދި ދެފަރާތުގައި ތިބި އަސީރުން މިނިވަން ކުރަންޖެހެއެވެ. ޚާއްސަކޮށް އެމެރިކާއަށް ނިސްބަތްވާ އަސީރުން ހިމެނެއެވެ.

ދެވަނަ ފިޔަވަހީގައި ހަމާސްގެ އަތްދަށުގައި ތިބި އަސީރުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިތައް އިސްރާއީލަށް ފޮނުވުމާ އަދި ޣައްޒާގެ ރައްޔިތުން އެމީހުން ނިސްބަތްވާ ސަރަހައްދަށް ދިއުމަށް ފުރުސަތުދީ، ދުވާލަކު 600 އެހީގެ ޓްރަކް، ޣައްޒާއަށް ވައްދާ، ޣައްޒާއަށް ޓެންޓް ފޮނުވާ އެމީހުން ވަގުތީ ގޮތުން ދިރިއުޅެވޭނެ ގޮތް ހަދައިދޭންޖެހެއެވެ.

މި ޤަރާރުގެ ތިންވަނަ ފިޔަވަހީގައި ވަނީ ބާކީ ތިބި އަސީރުން މިނިވަން ކުރުމާ އަދި ހަނގުރާމަ އެއްކޮށް ހުއްޓާލައި އިސްރާއީލު ސިފައިން ޣައްޒާއިން އެއްކޮށް ފާބައި، ޣައްޒާ އަލުން އާރާސްތު ކުރުމަށް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.

މިފަދަ ޤަރާރުތަކަށް އިސްރާއީލުގެ ހަރުކަށި ވެރިން ބޯލަބާފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ 7 ގައި ހަނގުރާމަ ފެށިފަހުން އދ. ގެ ސަލާމަތީ މަޖިލީހުން ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލާ  އެ އަހަރުގެ ނޮވެމްބަރުގައި ޤަރާރެއް ފާސްކުރިއެވެ. ނަމަވެސް އިސްރާއީލުން އެއަށް ޢަމަލުކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ޔަހޫދީން ބޮންއެޅުމުގެ ސަބަބުން 15،000 އަށްވުރެ ގިނަ ކުޑަކުދިން ޣައްޒާއިން ވަނީ ޝަހީދުވެފައި

ފަލަސްޠީނުގެ ޣައްޒާގެ އާންމުން ދިރިއުޅެމުުން އަންނަ އިމާރާތްތަކަށް 8 މަސް ދުވަސް ވަންދެން ޔަހޫދީން ބޮންއަޅަމުން އަންނައިރު، މިހާތަނަށް 37،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި ކަމަށް ފަލަސްޠީނުގެ މަސްދަރުތަކުން ހާމަކުރެއެވެ. މީގެއިތުރުން 83،000 އަށްވުރެ ގިނަ މީހުނަށް ވަނީ ބޮޑެތި ޒަހަމްތައް ލިބިފައެވެ.

advertisement
ހިޔާލު ދެއްވާ!