ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުގައި ހިމެނޭ މީޑިއާތަކަށް ބަޖެޓުން އެހީތެރިކަން ދިނުމުގެ މަސައްކަތް ފައްޓަވައިފިއެވެ.
މިގޮތުން މީޑީއާތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން އެހީތެރިކަން ދިނުމަށް އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ވަނީ ފައްޓަވައިފައެވެ. މީޑިއާތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން އެހީތެރިކަން ދިނުމަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މިކަމާއި ގުޅިގެން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން، ބުނީ މީޑިއާތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން އެހީތެރިކަން ދިނުމަށްޓަކައި މީޑިއާތަކުގެ އެޑިޓަރުންނާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.
ޒުވާނުންނާބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ، މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމަށްޓަކާ އެންމެ ފުރަތަމަ ރާއްޖޭގެ އެންމެ ސީނިއަރ އެޑިޓަރުންނާއެކު މަޝްވަރާކުރުމަކީ މުހިއްމު ކަމެއްކަމަށް ދެކިވަޑައިގަންނަވާތީ، އޮންލައިން އަދި ޕްރިންޓް މީޑިއާތަކުގެ އިސްވެރިންނާއެކު އެވުޒާރާއިން ބައްދަލުވުމެއް ބާއްވާފައި ވާކަމަށެވެ.
އަދި ޓީވީ ސްޓޭޝަންތަކުގެ އިސްވެރިންނާއެކުވެސް މަޝްވަރާ ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިޑިއާތަކަށް ބަޖެޓު ދިނުމަށް ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ބޭނުމަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، މިނިވަންކަމާއެކު މަސައްކަތްކުރާ މީޑިއާއެއް އޮތް ޤައުމަކަށް ހެދުންކަމަށެވެ.
މަޖިލީހުން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް އެކުލަވާލައިރު މީޑިއާތަކަށް ދޭނެ ފައިސާ ހިމަނުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަސައްކަތްޕުޅުތަކެއް ފައްޓަވައިފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް "މީޑިއާ ވިލެޖް" ހަދަން ހުޅުމާލެއިން ބިމެއް ވެސް ވަނީ ހަމަޖައްސަވާ ދެއްވައިފައިކަން ފާހަގަ ކުރެވެއެވެ.