ފަޤީރުންގެ ލިސްޓުގައި ތިމާގެ ނަން ހިމަނާއިރު ވަރަށްބޮޑަށް އިޚްލާޞްތެރިވާން ވާންޖެހޭނެ ކަމަށާއި ލިސްޓުގައި ނަން ޖަހާއިރު ހަގީގަތުގައިވެސް ތިމާއަކީ ފަޤީރެއްތޯ ވިސްނާލަން ޖެހޭނެކަމަށް އައްޝައިޚް މުޙައްމަދު ޙަލީމް ވިދާޅުވެއްޖެއެވެ.
ދާރިސްޓީވީ އިން ރޭ ގެނެސްދިން ޢިލްމީ ޚަޒާނާ ޕްރޮގްރާމުގައި ބެލުންތެރިއަކު ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިޚް ޙަލީމް ވިދާޅުވީ މީސްތަކުންނަށް އޮޅުވާލެވިދާނެކަމަށާއި ނަމަވެސް ﷲ އަށް އެއްވެސް ކަމެއް ވަންހަނާ ނުވާނެކަމަށެވެ.
"ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ ލޮލުގެ ޚިޔާނާތުގެ ބެލުމާ ހިތުގެ އަޑީގައި ފޮރުވިފައިވާ ކިތަންމެ ކުޑަ އެއްޗެއްވިޔަސް މޮޅަށް ދެނެވޮޑިގެންވާ އިލާހު. އެހެންވީމަ އަޅުގަނޑުމެން އިޚްލާޞްތެރިވާން ޖެހޭނީ އެގޮތުގަ. މިފަދަ ލިސްޓެއްގަ ތިމާގެ ނަން ޖަހާއިރު ވިސްނާލަން ޖެހޭނެ ހަގީގަތުގައިވެސް ތިމާއަކީ ފަޤީރެއްތޯ" ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ޙަލީމް އިތުރަށް ވިދާޅުވިގޮތުގައި މިފަދަ ލިސްޓުތައް ހަދަނީ ވަރަށް މާތް މަތިވެރި މަޤްޞަދުތަކުގައި ކަމަށާއި އެހެންވީމާ އަޅުގަނޑުމެން ވާންވާނީ މިފަދަ ލިސްޓުތައް ހަދާ މަޤްޞަދު ޙާސިލު ކޮށްދިނުމަށް އެހީތެރިވާ ބައެއްކަމުގައެވެ.
ސަރުކާރުގެ ހަރަދުގައި މިއަހަރު ހިލޭ ހައްޖަށް ފޮނުވާ 50 މީހުންގެ ތެރޭގައި ވަޒީފާ އަދާކުރާ އާމްދަނީ ލިބޭ މީހަކު ހިމެނޭ ކަމަށް ފާހަގަވެ، ޢާއްމު ރައްޔިތުންގެންދަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ. އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި މިއަހަރު ހިލޭ ހައްޖަށް ފޮނުވާ 50 މީހުންގެ ތެރޭގައި ވަޒީފާ އަދާކުރާ އާމްދަނީ ލިބޭ މީހަކު ހިމެނުނީ ކުރީގެ ސަރުކާރުގެ ލިސްޓަކަށް މީހުން ހައްޖަށް ފޮނުވުމުން ކަމަށެވެ.