ދިވެހި ރައްޔިތުންނަކީ ފެށުނީއްސުރެ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބި ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައަމްދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ޚާއްސަ ޓެލެތޯން، "ފަލްސްތީނާއެކު ދިވެހިން" ޝޯވް ފައްޓަވާދެއްވާ ދެއްކެވި ވާހަކަ ފުޅުގައި ރައީސް ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި ދިވެހީން ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށެވެ.
އަދި އެކިއެކި ގޮތްގޮތުން އެ ޤައުމުގެ ރައްޔިތުންނަށް ދިވެހީން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މީގެ ކުރިން އެއްވެސް ވަރަކަށް ފަލަސްތީނުގެ ދިފާއުގައި ވާހަކަ ނުދައްކާ އެތައް ފަރާތަކުން މިއަދު އެމީހުންގެ ދިފާއުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއީ ފަލަސްތީނާއި އިސްރާއީލާ ދެމެދު އޮތް މައްސަލައެއް ކަމުގައި ބަލައިގެން ލޯމަރާލައިގެން ތިބެވެން ނެތް ކަމަށާއި މިއީ ކޮންމެ މުސްލިމެއްގެވެސް ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ކޮންމެ މުސްލިމެއްގެ މަސްއޫލިއްޔަތެއް ކަމުގައި ބަލަންޖެހޭ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ﷲ ނިޢުމަތް ދެއްވަނީ އެ ނިޢުމަތް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށްޓަކައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މިޓެލެތޯން ޝޯވްއަކީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން ކުރިއަށްގެންދާ ޝޯވް އެކެވެ.
މިޓެލެތޯންގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވާއިރު މިޓެލެތޯން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު 8:00 ން ރޭގަނޑު 12:00 އާއި ހަމައަށްކަމަށް ޕީއެސްއެމްއިން މަޢުލޫމާތު ދެއެވެ.