ފަލަސްޠީނު ފަންޑަށް ރާއްޖެއިން ދެމުން އައި އެހީ ދިހަގުނައަށް އިތުރުކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
މި ކަން މިއަދު އިޢުލާނުކުރެއްވީ ފަލަސްޠީނަށް އެހީވުމަށް ބާއްވާ 'ފަލަސްޠީނާއެކު ދިވެހީން' ޚާއްޞަ ޓެލެތޯނު ފެށުމަށް މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރުއެވެ.
ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްޠީން ރެފިއުޖީސް "އަންރުވާ" އަކީ އދ. މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް ގެނައި ފަންޑެކެވެ. މި ފަންޑަށް ދިވެހި ސަރުކާރުން މީގެކުރީން ދިޔައީ ކޮންމެ އަހަރަކު 5000 ޑޮލަރުގެ އެހީއެއް ވެދެމުންނެވެ.
5000 ޑޮލަރުގެ އެހީއެއް ވެދެމުން އައި ނަމަވެސް މި އެހީ ދިހަ ގުނައަށް އިތުރުކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ނިންމަވާފައި ވާކަމަށާ މީގެ ފަހުން ކޮންމެ އަހަރަކު 50 ހާސް ޑޮލަރު ދިވެހި ސަރުކާރުން މި ފަންޑަށް ޖަމާކުރަމުން ދާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ޕަބްލިކް ސަރވިސް މީޑިއާއިން އިސްވެއޮވެ، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، ފަލަސްޠީނަށް އެހީވުމަށް ބާއްވާ 'ފަލަސްޠީނާއެކު ދިވެހީން' ޚާއްޞަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް، މިހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާކަން ޔަޤީންކުރުމަށް މިނިވަން އޮޑިޓަރެއް ވަނީ ހަމަޖައްސަވާފައެވެ. މި ޓެލެތޯން ކުރިއަށް ދާނީ މިރޭ 12 ޖެހުމާ ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.
މީގެ އިތުރުން މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.