އާރުޑީސީން ފާއިތުވީ އަހަރުތަކުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް ދެނެގަނެވޭނެ ގޮތެއް ނެތް ކަމަށް އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ޒުހައިރު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އާރްޑީސީން ހިންގި ކަމަށް ބުނާ ކޮރަޕްޝަންތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޒުހައިރު ވިދާޅުވީ ފާއިތުވީ ތިން އަހަރު ވެސް އެ ކުންފުނީގެ އޮޑިޓެއް ކުރެވިފައިނެތް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ ފަހުން އާރުޑީސީގެ އޮޑިޓެއް ކޮށްފައިވަނީ 2020 ވަނަ އަހަރުކަމަށާއި އެހެންނަމަވެސް ކުންފުނީގެ މާލީ ލިޔެކިޔުންތައް ތަހުގީގީ އިދާރާތަކުން ގެންގޮސްފައިވާ ކަމަށެވެ.
ތަހުގީގީ އިދާރާތަކުން ލިޔެކިޔުން ހޯދައިގެން، އޮޑިޓާ ޖެނަރަލްގެ އޮފީހުގެ އެހީތެރިކަމާއެކު އާރްޑީސީ އޮޑިޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކުންފުނި ރީފޯމް ކުރުމަށް މިހާރު ބޯޑުން ނިންމާފައިވާ ކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ އެމަނިކުފާނު ކުންފުންޏާއި ހަވާލުވިއިރު އެ ކުންފުނި އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެ ވަރަށް ދަށް ހާލަތުގައި ކަމަށެވެ.
އަދި ރައްޔިތުން އިތުބާރު ކުރާ ކުންފުންޏަކަށް، އާރްޑީސީ ހަދަންޖެހޭ ކަމަށާއި ރައްޔިތުން ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހިންގާ ކުންފުންޏަކަށްވާތީ، ކުންފުނީގެ ގެއްލުން ކުޑަކުރަންޖެހޭ ކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.
ހަމައެހެންމެ އާމްދަނީއާ އެއްވަރަށް ހަރަދު ކުރާ ކުންފުންޏަކަށްވެސް އާރްޑީސީ ހަދަން ޖެހޭ ކަމަށް ޒުހައިރު ވިދާޅުވިއެވެ.