މިފަހަރު ޢީދުގައި ދިވެހި ސިފައިން ވެސް ނިކުމެ ދިވެހި ސަޤާފީ ބައެއް ކުޅިވަރުތައް ދައްކާލާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްގެ ފޭސްބުކް ޕޭޖުގައި މިއަދު ޕޯސްޓްކުރި ވީޑިއޯ ކުލިޕެއްގައި ބުނެފައި ވަނީ މިފަހަރު އެންސީއޭ ޢީދު އުފާ 1445 ގައި ދިވެހި ސިފައިން ބައިވެރިވާނެ ކަމަށެވެ.
ބޮޑުބެރު، ކުރުފަލި ފަދަ ސަޤާފީ ގިނަ ޙަރަކާތްތަކެއް ސިފައިން ހުށަހަޅައިދެއްވާނެ ކަމަށާ މި ހުށަހެޅުން އޮންނާނީ ޢީދު ދުވަހު ހަވީރު 4:00ން 6:00 އަށް ކަމަށް ވެސް އެ ވީޑިއޯގައި ސިފައިން ބުނެފައިވެއެވެ.
ދިވެހި ސިފައިން ހުށަހަޅައިދެއްވާ ސަޤާފީ ޙަރަކާތްތައް އޮންނާނީ ސިފައިންގެ މަރުކަޒު، ކަޅުތުއްކަލާ ކޮށި ދެކުނު ގޭޓާ ދިމާ ބޮޑުތަކުރުފާނު މަގުގައި ކަމަށް ވެސް ސިފައިން ބުނެފައިވެއެވެ.
ސިފައިން ވަނީ ޢީދު އުފަލުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ވެސް ސިފައިންގެ ޙަރަކާތްތައް ބައްލަވާލެއްވުމަށް ވަޑައިގަތުމަށް ދަޢުވަތު އަރުވައިފައެވެ.
ހުޅުމާލޭގައި ވެސް ޢީދު ކުލަގަދަކޮށް ފާހަގަކުރަން އެޗްޑީސީން ތައްޔާރުވަމުން އަންނަކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި އަހަރު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤައުމީ ފެންވަރުގައި ބޮޑުޢީދު ފާހަގަކުރަން ސަރުކާރުން ނިންމާ، 3 ރަށް ކަނޑައަޅާފައި ވާތީ އެރަށްތަކުން ވަރަށް ފޯރީގައި ޢީދު ފާހަގަކުރަން ތައްޔާރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.