ހިޒްބުﷲ އިން އިސްރާއީލަށް އަމާޒުކޮށް ހަމަލާތައް ފޮނުވާލުން

ހިޒްބުﷲ އިން ވަރުގަދަ ރޮކެޓް ހަމަލާތަކެއް އިސްރާއީލަށް ފޮނުވާލައިފި

ޣައްޒާ ހަނގުރާމަ މިފަހުން ފެށުނު ފަހުން ލުބުނާންގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއްކަމުގައިވާ ހިޒްބުﷲ އިން މިހާތަނަށް އިސްރާއީލަށް ފޮނުވާލި އެންމެ ވަރުގަދަ ރޮކެޓް ހަމަލާތައް ފޮނުވާލައިފިއެވެ.

100 އާ ގާތްކުރާ އަދަދަކަށް ހިޒްބުﷲ އިން އިސްރާއީލަށް ރޮކެޓް ހަމަލާތައް ފޮނުވާލާފައިމިވަނީ އިސްރާއީލުން ލުބުނާންގެ ދެކުނަށް ދިން ހަމަލާފައި އެޖަމާއަތުގެ އިސް ކޮމާންޑަރަކު އަވަހާރަވުމާއި ގުޅިގެންނެވެ. ހިޒްބުﷲ އިން މިހާ ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް އިސްރާއީލުގެ އުތުރަށް އަމާޒުކޮށް ދިނުމާއެކު ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުދަ ދުވަހު ބުނެފައިވަނީ ހިޒްބުﷲ ޖަމާއަތުގެ ިއސް ކޮމާންޑަރެއްކަމުގައިވާ ތާލިބު އަބްދުﷲ އާއި ހަނގުރާމަވެރި ތިން މީހަކު ޝަހީދުކޮށްލާފައިވާކަމަށެވެ. އަދި ލުބުނާން ސަރަހައްދުން މަދުވެގެން 90 ރޮކެޓް ހަމަލާ އިސްރާއީލުގެ އުތުރުގެ ސަރަހައްދަށް އަމާޒުވެފައިވާކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެއެވެ. މީގެތެރެއިން ބައެއް ހަމަލާތައް ދިފާއުކުރެވުނު ނަމަވެސް އަނެއް ބައި ރޮކެޓްތައް އިސްރާއީލު ސަރަހައްދަށް ވެއްޓި އަލިފާން ރޯވެފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއްނުވާކަމަށް އިސްރާއީލު އަަސްކަރިއްޔާއިން ބުނެއެވެ.

އިސްރާއީލުން ދިން ހަމަލާގައި ޝަހީދުކޮށްލި ކޮމާންޑަރަކީ އިސްރާއީލާއި ލުބުނާން ގުޅޭ ބޯޑަރު ސަރަހައްދުގެ ހުޅަނގު ސަރަހައްދުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކޮމާންޑަރެވެ. މިއީ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުކޮށްލި ހިޒްބުﷲގެ ދެ ވަނަ ކޮމާންޑަރެވެ.

advertisement
ހިޔާލު ދެއްވާ!