"ފަލަސްޠީނާއެކު ދިވެހީން" ޓެލެތޯން ނިންމާލި ނަމަވެސް ފައިސާ ޓްރާންސްފަރ ކުރަން އިތުރު ވަގުތު ދީފި!

"ފަލަސްޠީނާއެކު ދިވެހީން" ގެ ނަމުގައި ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން އިސްނަގައިގެން އިއްޔެ ކުރިއަށްގެންދިޔަ ޓެލެތޯން ނިންމާލި ނަމަވެސް ފައިސާ ޓްރާންސްފަރ ކުރަން އިތުރު ވަގުތު ދީފިއެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ ޓެލެތޯންގެ ކަވަރޭޖް ނިންމާލި ނަމަވެސް ފަލަސްޠީނަށް އެހީވާން ފައިސާ ޓްރާންސްފަރ ކުރަން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެގޮތަށް ހަމަޖެއްސީ ފައިސާ ޖަމާކުރަން ބޭނުންވާ އެތައް ބަޔަކު ތިބުމާއި ގުޅިގެން ކަމަށް ޒީނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިލެއްވުމަށް، ޕީއެސްއެމްއިން މި ޓެލެތޯން ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހެނދުނު 8:30 ން ފެށިގެން ރޭގަންޑު 12:00 އަށެވެ.

އަމިއްލަ ފަރާތްތަކާ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ހިމެނޭހެން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ހަދިޔާކޮށްފައިވާއިރު، 31،000 ޑޮލަރުވެސް ލިބިފައިވެއެވެ.

މާލޭސިޓީގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 13 ފަންޑުފޮށި ބަހައްޓާފައިވާއިރު އެ ފޮށިތަކުގައި ހުރި ފައިސާ ގުނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޕީއެސްއެމްއާ ގިނަ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދެވި މި ޓެލެތޯން ފަށްޓަވާދެއްވަން ބޭއްވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޓެލެތޯނަށް އެންމެ ބޮޑު އެހީއެއް ވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުންނެވެ. އެ އިދާރާއިން ވަނީ ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާ ކޮށްފައެވެ. އޭގެ އިތުރުން ދެން އެންމެ ބޮޑު އެހީއެއް ވެފައިވަނީ ސްޓެލްކޯއިންނެވެ. އެ ކުންފުނިން ވަނީ ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ޔަހޫދީން ބޮންއެޅުމުގެ ސަބަބުން، ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 37،500 އަށްވުރެ ގިނަމީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނުގެ މަސްދަރުތަކުން ހާމަކޮށްފައިވެއެވެ.

ހަރުކަށި ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ ސިއްޚީ ނިޒާމު ފުނޑިފައިވާއިރު، ޒަހަމްވެފައި ތިބި 84 ހާހަށްވުރެ ގިނަމީހުން ރަނގަޅު ފަރުވާ ލިބޭނެގޮތް ނެތިފައި އެބަ ތިއްބެވެ. މީގެއިތުރުން ވަށައިގެން ބަންދުކޮށްފައިވާ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ސާފުފެން އަދި ބޭސްފަރުވާ ފޯރުކޮށްދިނުމަށް ވެސް ޔަހޫދީން ދަނީ ހުރަސްއަޅަމުންކަން ފާހަގަ ކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ބަނޑުހައިހޫނު ކަމުގައި ތުއްތުކުދިން ނިޔާވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!