މާލޭ ދެކުނުފަރާތު، ސްވިމިންގ ޓްރެކް ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 00:42 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ އިދާރާއިން ބުނީ އެ ހާދިސާގެ ޚަބަރު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ވާކަމަށެވެ.
މިގޮތުން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ލޯންޗުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 00:56 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އަލިފާން ރޯވީ ސްޓެލްކޯގެ ލޯންޗެއްގައި ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވެ ސަބަބެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.