ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ދަތުރު ފަތުރު ކުރުމުގައި އާއި ޗުއްޓީ ހޭދަކުރުމުގެ ޙާރަކާތްތަކުގައި ޝާމިލުވެ އުޅޭއިރު ބަލިތަކުން ރައްކާތެރިވުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ޗުއްޓީ ތެރޭ ބަލިތަކުން ރައްކާތެރިވުމަށް އިލްތިމާސް ކުރާ ކަމަށާއި މިދުވަސްވަރަކީ ޑެންގީ، ޗިކުންގުންޔާ، ބޭރަށް ހިންގުން އަދި އިންފްލުއެންޒާ ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސްވަރެއްކަމަށެވެ.
ވުމާއިއެކު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު ކުޑަކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިިޔަވަޅުތައް އެޅުން މުހިއްމު ކަމަށްވެސް އެޗްޑީސީ ބުނެއެވެ.
އެގޮތުން ކޮވިޑް 19 އާއި އިންފްލުއެންޒާ ފަދަ އަރިދަފުސް ރޫގާ އިން ރައްކާތެރިވުމަށް ޑޮކްޓަރަށް ދެއްކުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނިކުންނަނަމަ އަނގައާއި ނޭފަތް ނިވާކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
އަދި ރަނގަޅަށް އަތްދޮވުމާއި ސެނިޓައިޒު ލުމަށް ސަމާލުކަން ދިނުމާއި ބަލި ޖެހުމުން ނުރައްކާ ބޮޑުވާ ފަރާތްތަކުން އިންފްލުއެންޒާ އަދި ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށްވެސް އެފަރާތުން އެދިފައިވެއެވެ.
މީގެ އިތުރުން ބަލިވެގެން ޑޮކްޓަރަށް ދައްކާފަރާތާއިއެކު މަދުމީހުން ދިއުމާއި ބަލިމީހުންނަށް ޒިޔާރަތްކުރާއިރު އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި މާބަނޑުމީހުން ނުދިއުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ.
އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުމާއި ހޮޑުލެވުމުން ރައްކާތެރިވުމަށް ކާބޯތަކެތި ހެދުމާއި ކެއުމުގެ ކުރިން ވީހާވެސް ރަނގަޅަށް އަތް ދޮވުމަށް ސަމާލުކަން ދިނުމަށެވެ.
އަދި ފާހާނާ އަށް ދިއުމަށްފަހު ނުވަތަ ނެޕީ ބަދަލުކުރުމަށްފަހުވެސް ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ.
އެޗްޕީއޭއިން ބުނީ ކާބޯތަކެތި ރަނގަޅަށް ރޯފިލުވައި ރޯ ތަރުކާރީ މޭވާ ފަދަ ތަކެތި ރަނގަޅަށް ދޮވުމަށް އިސްކަން ދިނުމަށާއި ކާބޯތަކެތި ރައްކާކުރާ ތަނަކީ ސާފުތާހިރުތަނަކަށް ހެދުމަށް އިސްކަން ދިނުމަށެވެ.
ކާބޯތަކެއްޗަށް ދިރޭސޫފާސޫފި ނޭރޭނެހެން ބަންދުކުރުމަށް އިލްތިމާސްކޮށް އެޗްޕީއޭއިން ބުނީ ބަންދުކޮށްފައި ހުންނަ ފެން، ކޮލޮރިނޭޓްކޮށްފައިވާ ފެން، ވޯޓަރ ސަޕްލައި ފެން ނުވަތަ ފެން ކައްކައިގެން ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ކުނި ރައްކާކުރުމުގައި މަތި ޖެހޭ ޑަސްބިން ބޭނުންކުރުމަށާއި ވީހާވެސް އަވަސް އަވަހަށް ކުނި އުކާލުމަށްވެސް އެޗްޕީއޭއިން ނަސޭހަތްތެރިވެއެވެ.